ދިވެހިރާއްޖެއަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާ ގުޅިގެން،ގެން، ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ސެންޓަވިއު ޕާޓްނާސްގެ ލަފާ ހޯދަން ފަށައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ދުނިޔޭގެ މަޝްހޫރު ނޫސް ރޮއިޓާސްއިންނެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
2006 ވަނަ އަހަރު އުފެދުނު ސެންޓަވިއު ޕާޓްނާސްއަކީ ދުނިޔޭގެ އެކި ކުންފުނިތަކާއި ގައުމުތަކަށް މާލީ ކަންކަމުގައި ލަފާ ދެމުން އަންނަ ކުންފުންޏެކެވެ. މި ކުންފުނީގައި 60 ޕާޓްނަރުންނާއި 400 އަށް ވުރެ ގިނަ ތަޖުރިބާކާރުން މަސައްކަތްކުރާ ކަމަށް މަޢުލޫމާތު ލިބިފަވެއެވެ.
ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުކޮށް، މާލީ ހާލަތު ހަމަޔަކަށް އެޅު އެޅުވުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) މިހާރުގެ ސަރުކާރުން ވަނީ ދާދި ފަހުން ދައްކާފައެވެ.
ސެންޓަވިއު ޕާޓްނާސްގެ ލަފާ ހޯދުމަށް ސަރުކާރުން ނިންމާފައިވަނީ މިފަދަ މާލީ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި އެ ކުންފުނީގެ ތަޖުރިބާއާއި ހުނަރު ބޭނުންކޮށްގެން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ކަމަށް ލަފާކުރެވޭ ނަމަވެސް، މި މަސައްކަތުގެ ތަފްސީލާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ









