ލުބުނާނުގެ ދެކުނުގައި އޮންނަ އދ.ޞުލްޙަ ބަލަހައްޓާ ޔުނިފިލްގެ މައި މަރުކަޒަށް އިއްޔެ އިސްރާއީލުން ގަސްދުގައި ދިން ހަމަލާއެއްގައި ޔުނިފިލް ޖަމާޢަތުގެ އިތުރު މީހަކު ޒަޚަމްވެ، ހަމަލާތަކުގައި އަނިޔާވި ސިފައިންގެ އަދަދު ވަނީ ފަހަކަށް އަރައިފިއެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ މި ހަމަލާތައް ކުށްވެރިކުރައްވައި، ސުލްހަ ބަލަހައްޓާ ސިފައިންގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ސުލްހަ ބަލަހައްޓާ ފައުޖުގައި ފްރާންސާއި އިންޑިއާ އަދި މެލޭޝިއާ އާއި އިންޑޮނޭޝިއާގެ އިތުރުން އިޓަލީގެ ސިފައިން ވެސް އެބަތިއްބެވެ. އިސްރާއީލުން ގަސްދުގައި ދިން މި ހަމަލާއާއި ގުޅިގެން ފުރާންސުން ވަނީ އެގައުމުގައި ހުންނަ އިސްރާއީލުގެ ސަފީރަށް ހާޒިރުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. 

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިޔާއިންވެސް ވަނީ ހަމަލާތައް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ. 50 ގައުމަކުން 10،400 ސިފައިން ހިމެނޭ ޔުނިފިލްގެ މަސްއޫލިއްޔަތަކީ ލުބުނާނާއި އިސްރާއީލާ ދެމެދު އޮންނަ ނުތަނަވަސް ބްލޫ ލައިންގައި ސަލާމަތީ ކަންކަން ބެލެހެއްޓުމެވެ.ލުބްނާނުގެ އުތުރުގައި އޮންނަ ލަޔިޠާނީ ކޯރާއި ދެކުނުގައި އޮތް އިސްރާއީލް-ލުބްނާން ސަރަޙައްދީ ރޮނގާ ދެމެދުގައިވާ ބްލޫ ލައިންގެ ނަން ދީފައިވާ ސަރަޙައްދަކީ ލުބުނާނާއި އިސްރާއީލުގެ ސަރަހައްދު ވަކިކޮށް ކަށަވަރު ކުރުމަށް 2000 ވަނަ އަހަރު އދ.އިން ގާއިމްކުރި ލައިނެކެވެ.