ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއިމެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާކަމަށާއި އެކަމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ޝުކުރު އަދާކުރައްވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިސްކިތު ޤާރީ ކުލާސް ޕްރޮގުރާމް ފެއްޓެވުމަށް ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ، މިސްކިތު ޤާރީ ކުލާސްތައް ކުރިއަށް ގެންދަވާ ފަރާތްތަކަށް ކައުންސިލްތަކުންވެސް އެހީތެރިކަމާއި ޚިޔާލު ދެއްވުމަށް އެދިލައްވާކަމަށާއި، ޚިޔާލުތަފާތުވުންތަކެއް އުޅޭނަމަ ވާހަކަދައްކަވައިގެން އެކަންކަން ޙައްލު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށެވެ.
"މިއީ ވަރަށްވެސް ހެޔޮ ރަނގަޅު ފުރުސަތެެއް. ތިޔަބޭފުޅުންގެ ލީޑަރޝިޕްގަ ރަށްރަށުގައި މިކަންތައްތައް ފެތުރިގެން ދިއުން މިއީ ވަރަށް ބޮޑު ހެޔޮކަމެއް. މިކަމުގައި ދެވެން އޮތް އެއްބާރުލުމެއް ދެއްވާ ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދަވާ." ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވީ، މިކަންކަމުގައި ވުޒާރާގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލެއްވުން އަބަދުވެސް ދެމުން ގެންދާނެކަމަށެވެ.
މިސްކިތު ޤާރީ ކުލާހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ދަށުން ހިލޭ ޤުރުއާން އުނގަންނައިދިނުމަށް ކުރެވޭ މަސައްކަތަކެވެެ. އެގޮތުން ފުރަތަމަ މި ކުލާސްތައް ފަށާފައިވަނީ ރާއްޖޭގެ 29 ރަށެއްގައެވެ.
ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ގިނަ ރަށްތަކެެއްގައި މި ޕްރޮގުރާމް ކުރިއަށް ގެންދިއުންކަމަށް ޝަހީމް ވިދާޅުވިއެވެ.









