އިންތިޚާބުތަކާ ބެހޭ ހުރިހާ ޤާނޫނުތަކެއް އެއްކޮށްލުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތަޢުފީޤް ވިދާޅުވެއްޖެއެވެ. ފުވާދު މިހެން ވިދާޅުވީ ދައުލަތުގެ މީޑީއެއްގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިހާރު ރާއްޖޭގައި އިންތިޚާބުތަކާ ބެހޭ ގިނަ ޤާނޫނުތަކެއް ހުރީ ވަކިވަކިންނެވެ. އޭގެތެރޭގައި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާއި، ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ޤާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ޤާނޫނު ހިމެނެއެވެ.
ފުވާދު ވިދާޅުވީ މި ހުރިހާ ޤާނޫނުތަކެއް މުޠާލިއާ ކުރުމަށްފަހު، އެއްކޮށްލުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ. މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި ޤާނޫނީ ޓީމާއެކު މަޝްވަރާތައް ކުރަމުން ގެންދަވާކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
ޤާނޫނުތައް ވަކިން ހުރުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ބައެއްކަންކަން އޮޅުން އަރާކަމަށް ފުވާދު ފާހަގަކުރެއްވިއެވެ. ނަމަވެސް އެއް ޤާނޫނަކުން ހުރިހާކަމެއް ފެންނަން ހުރުމުން އެއްހަމައަކުން ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށްވެސް ފަސޭހަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"5 އަހަރުގެ ތެރެއިން 3 އަހަރަކީ އިންތިޚާބުތައް އޮންނަ އަހަރު. އެ ތިން އަހަރުގައި އިންތިޚާބުތަކުގެ މަސައްކަތްތައް މި ކުރަނީ. ދެން އޮންނަ 2 އަހަރު މި ކުރަން ޖެހެނީ ޤާނޫނުތަކާއި ސްޓާފުން ތަމްރީންކުރުމުގެ މަސައްކަތް" ފުވާދު ވިދާޅުވިއެވެ.
2026 ވަނަ އަހަރު ބާއްވަންޖެހޭ އިންތިޚާބުތަކުގެ ކުރިން މިހާރު ހުރި ޤާނޫނުތަކަށް އިސްލާހެއް ގެންނަން ޖެހޭނަމަ އެކަން ކުރުމަށާއި އަލަށް ޤާނޫނެއް ހަދަން ޖެހޭކަމުގައި ވަނީނަމަ އެކަމުގެ މަސައްކަތްތައް ކުރައްވާނެކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރުވެސް އަންނަނީ ބައެއް ޤާނޫނުތައް އިސްލާޙް ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ދިހަހާސް މެންބަރުން ހަމަނުވާ ޕާޓީތަކަށްވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެގޮތަށް ޤާނޫނު އިސްލާހުކުރަން އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ވަނީ ހުށައަޅާފައެވެ.









