ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ ޚަދީޖާ އިބްރާހީމްދހީމްދީދީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ. އަދި މަރުޙޫމާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައިކަމަށް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމާ ޚަދީޖާ އިބްރާހީމް ދީދީ ލަހެއްޓެވުމަށްއެދި ދުއާކުރައްވާ ކަމަށެވެ.
ކުރީގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުވަތަ އަލްއަމީރު އިބްރާހީމް ޢަލީދީދީގެ 4 ބޭކަނބަލުންގެ ތެރެއިން އެކަކު ކަމަށްވާ އައްނަބީލާ ޚަދީޖާ އިބްރާހީމްދީދީ އަވަހާރަވީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 68 އަހަރެވެ.
ޚަދީޖާ އިބްރާހީމްދީދީގެ ޖަނާޒާ އޮންނާނީ މިއަދު މަޢުރިބު ނަމާދަށްފަހު، މަސްޖިދުއްތަޢާވުނި، އާސަހަރާ މިސްކިތުގައެވެ.









