އިސްރާއީލަށް އީރާނުން ދިން ރޮކެޓް ހަމަލާއާއި ގުޅިގެން ރައްދު ދިނުމުގައި އިސްރާއީލް ކެބިނެޓުން ގޮތެއް ނުނިންމުނެވެ. އިސްރާއީލުގެ ކެބިނެޓުން ދެން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން އެތެރޭގެ ބޮޑެތި ބައިބައިވުންތަކެއް ކުރިމަތިވެ ފައި ވާއިރު، މިހާރު ހިޒްބުﷲއިން ވެސް ދަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.
ހިޒްބުﷲ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެ ޖަމާއަތުން ވަނީ އިސްރާއީލާ ދެކޮޅަށް ދިގު މުއްދަތަކަށް ޖިހާދު ހިންގުމަށް ވައުދުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުالله އިން ވަނީ ލުބުނާނުގެ ދެކުނުގައި ހިންގާ އޮޕަރޭޝަންތައް އިތުރު ކުރަން ތައްޔާރަށް އާ ކޮމާންޑް ސެންޓަރެއް ވެސް ގާއިމްކޮށްފަ އެވެ. އެމީހުންނަށް އެހީތެރިވަނީ އީރާނުން ކަމަށްވާއިރު ، މިފަދަ ދަނޑިވަޅެއްގައި ބަދަލު ހިފުމުގެ ހަމަލާއެއް އީރާނަށް ދީފިނަމަ އެކަމުގެ ނުރައްކަލާއި އިސްރާއީލް އަދި އިސްރާއީލަށް ވާގިވެރިވާ އަރަބި ގައުމުތަކުން ވަރަށް ބޮޑަށް ކުރިމަތިލާން ޖެހޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ވެސް ދީފައެވެ.
މި ސަބަބުތަކާހުރެ އިސްރާއީލުގެ ކެބިނެޓުގައި ގިނަ ބަހުސްތަކެއް ކުރެވި އަދިވެސް ވަނީ ކޮޅެއްގައި ނުޖެހިއެވެ. އަނެއްކޮޅުން އިސްރާއީލާއި އެމެރިކާއިން ޕްލޭން ކޮށްފައިވަނީ ވަރުގަދަ ހަމަލާއެއް އީރާނަށް ދިނުމަށް ކަމަށްވާއިރު އެ ހަމަލާގައި އީރާނުގެ ތެޔޮވަޅުތަކާއި ނިއުކްލިއާ އިންފްރާސްތްރަކްޗަރަށް ހަމަލާ ނުދިނުމަށް އެމެރިކާއިން އިލްތިމާސް ކުރުމުން އިސްރާއީލުގެ ސަރކާރުންް ވަނީ ހިތްހަމަ ނުޖެހިފައެވެ.
އިސްރާއީލްގެ ގިނަ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި އީރާނުގައި ބާރުގަދަ ހަތިޔާރުތައް ހުރުމާއި އެ ހަތިޔާރުތަކަކީ ކޮންމެފަދަ ވަގުތެއްގައި ވެސް ބޭނުން ކޮންމެ ތަނަކަށް އަމާޒުކޮށްލެވޭވަރުގެ ބާރުގަދަ ހަތިޔާރުތަކަށްވާތީއާއި، އެކުވެރި ގައުމުތަކުގެ އެއްބާރުލުމެއް ނެތި އެ ހަމަލާތަކުން އިސްރާއީލް ދިފާޢު ނުވާނެކަން އެނގެއެވެ. މިސަބަބާހެދި އީރާނަށް ހަމަލާ ނުދިނުމަށް ގިނަ ރައްޔިތުން އެދޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް ނަތަންޔާހޫ ބޭނުންވަނީ އެމެރިކާ އާއި އިޓަލީ އަދި އިނގިރޭސިވިލާތާއި އުރުދުން އަދި މިޞްރުގެ މަދަދާއިއެކު އީރާނަށް ހަމަލާ ދިނުމަށެވެ. މިއީ މިހާރު މިޞްރާއި އުރުދުން އަށް ދިމާވެފައިވާ ބޮޑު ބިރަކަށް ވެއްޖެއެވެ. އީރާނުން ވަނީ އެޤައުމަށް ހަމަލާ ދިނުމަށް އެއްވެސް ގޮތަކުން އިސްރާއީލަށް އެހީތެރިވެއްޖެނަމަ ވަރަށް ވަރުގަދަޔަށް އެކަމގެ ބަދަލު ހިފާނެކަން މުޅި ޢަރަބި ޤައުމުތަކަށް އަންގައި އިންޒާރު ދީފައެވެ. އެހެންކަމުން، މިދަނޑިވަޅުގައި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމަކީ މުސްތަޙީލު ކަމެކެވެ.
އީރާނަށް އެމެރިކާއިން މިވަނީ އިއްޔެ ދަތިކުރުމުގެ ގޮތުން އައު ފިޔަވަޅުތަކެއް ވެސް އަޅާފައެވެ. އެއީ އީރާނުގެ ތެޔޮ ސަޕްލައިކުރުމުގައި އެހީތެރިވާ ކުންފުނިތަކަށެވެ. އެހެންކަމުން އެކުންފުނިތަކުން ފައިސާގެ މުޢާމަލާތް ކުރުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. އޭގެތެރޭގައި އިންޑިއާ އާއި މެލޭޝިއާ އަދި ދުބާއީގެ ކުންފުނިތައް ހިމެނެއެވެ.
މިއީ އީރާނާއި ދެކޮޅަށް އަލަށް އެޅި ފިޔަވަޅުތަކެއް ނޫނެވެ. އީރާނުން ނިއުކްލިއަރ ހަކަތަ ތަރައްޤީކުރާތީވެ ހުޅަނގުގެ ޤައުމުތަކުން ، ޚާއްޞަކޮށް އެމެރިކާ އިސްވެ އޮވެގެން މީގެ ކުރިން ވެސް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތައް އީރާނާއި ދެކޮޅަށް އެޅިއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން އެންމެ ފުރަތަމަ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އީރާނުގެ ތެޔޮ ވިއްކުމަށް ބޮޑެތި ހުރަސްތަކެއް އެޅިއިރު، 2012 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަނުން އީރާނުން ތެޔޮ އެތެރެކުރުން މަނާކުރިއެވެ. އެމެރިކާއިން ވަނީ އީރާނުގެ ހަކަތައާއި މާލީ ދާއިރާތަކަށް އަމާޒުކޮށްގެން ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އޭރު އަޅާފައެވެ. އީރާނުގެ ނިއުކްލިއާ އުންމީދުތައް ހުއްޓުވުމަށް ކުރި ފުޅާ މަސައްކަތުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކުމުގެ ގާބިލްކަން އީރާނަށް ވަރަށް ބޮޑަށް ހަނިވެ، އެކްސްޕޯޓް ކުޑަވެ، ބައިނަލްއަގްވާމީ ބޭންކިން ނިޒާމަށް ވަދެވޭނެ ގޮތް ކަނޑާލި އެވެ. 2015 ވަނަ އަހަރު އީރާން ނިއުކްލިއާ ޑީލް (ޖޭސީޕީއޯއޭ) އަށް ފަހު ބައެއް ގޮތްގޮތުން އެ ހުރަސްތައް އުވާލި ނަމަވެސް އެމެރިކާ އެ އެއްބަސްވުމުން ވަކިވުމުން 2018 އީރާނުން ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް ، އދ އިން ބަލަހައްޓައި މޮނިޓަރ ކުރަމުންދިޔަ ކެމެރާތައްވެސް ނަގައިލިއެވެ. ނަމަވެސް އީރާނުން އެކި ގޮތްގޮތުން ކޮޅުތައް ހޯދައި އެޤައުމުގެ އިޤްތިޞާދު ފުޅާކޮށް ނިއުކްލިއަ ހަކަތަ ތަރައްޤީކޮށް ޚާއްޞަކޮށް ޔުރޭނިއަމް މުއްސަނދިކުރީ ތެޔޮ ވިއްކައިގެންނެވެ. އީރާނުގެ ތެޔޮ އިންޑިއާއާއި ޗައިނާ އާއި ތުރުކީ އާއި ރަޝިއާ ފަދަ ޤައުމުތަކުން ދިޔައީ ގަނެ އެހެން ޤައުމުތަކަށް ވެސް ވިއްކަމުންނެވެ. މިކަމުގެ ސަބަބުން ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާނަށް މާބޮޑު އަސަރެއް ނުކުރިއެވެ. އީރާނުން ދިޔައީ ހަތިޔާރުތައް އުފައްދަމުންނެވެ. އަޑަށްވުރެ އެތައް ގުނައެއް ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލް ވެސް އީރާން އަތުގައި އެބަހުއްޓެވެ. އީރާނާއި ދެކޮޅަށް މިދަނޑިވަޅުގައި ހަމަލާއެއް ދިނުމާމެދު ގޮތެއް ނުނިމިގެން އުޅެނީ މިފަދަ ސަބަބުތަކާއި ހުރެއެވެ. އެހެންނަމަވެސް، އިސްރާއީލުން ބުނަނީ ހަމަލާ ދޭނެ ކަމަށެވެ. ހަމަލާ ދޭނެ ދުވަހަކާއި ދޭނެ ހަމަލާގެ ގޮތެއް އަދި ނުނިމެނީއެވެ.
އިސްރާއީލަށް ހުރިހާ ދިމާލަކުން އުނދަގޫތައް ކުރިމަތިވަމުންދާއިރު، އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިޒްބުالله އިން ބުނާ ގޮތުގައި އިސްރާއީލުގެ 12 ސިފައިން ވަނީ މަރާލާފައެވެ. ނަމަވެސް އިސްރާއީލުން ދަނީ އީރާނާއި ގުޅުންހުރި ހުރިހާ ދިމާލަކަށް ހަމަލާތައް ދެމުންނެވެ. އޭގެތެރޭގައި ހޫޘީންނާއި ހަމާސް އަދި ހިޒްބުﷲ ހިމެނެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލުން ހިޒްބުالله އަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، ހިޒްބުﷲ ޖަމާއަތް އަދިވެސް އޮތީ ވަރުގަދަކޮށެވެ. އެ ޖަމާއަތުގެ ސްޓޮކްގައި 150،000 އަށް ވުރެ ގިނަ މިސައިލާއި ރޮކެޓް ހުރި ކަމަށް ލަފާކުރެވެ އެވެ. އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ 2،100 އަށް ވުރެ ގިނަ އާންމުން ޝަހީދުވެފައިވާއިރު، ގާތްގަނޑަކަށް 1.2 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައެވެ. އެހެންނަމަވެސް ހިޒްބުﷲއަކުން ވެސް ދުލެއް ނުދީ އައު ހިތްވަރަކާއެކު އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދެމިއޮންނާނެ ކަމަށް ވަނީ އިޢުލާން ކޮށްފައެވެ.
ކަން އޮތީ މިހެންނެވެ. އެހެންކަމުން ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އީރާނުގެ ތެލާއި ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށްގެން އަސްކަރީ ފިޔަވަޅު ނޭޅުމަށް ލަފާދީފަ އެވެ. ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ވެސް އަދިވެސް އެމެރިކާއަށް މުހިންމު މަޝްވަރާތަކަށް ދަތުރު ނުކުރައްވައި މަޑޫކޮށްގެން އެހުންނެވީ ނަތަންޔާހޫގެ ސަރުކާރުން އެމެރިކާ ދެކެ ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރުމާއެކުއެވެ. ސަބަބަކީ އިސްރާއީލާއި އެކު އީރާނުގެ ނިއުކްލިއަރ ރިއެކްޓަރުތަކަށް ހަމަލާ ދިނުމަށް އެމެރިކާއިން ވާގި ނުދޭތީ ކަމަށް ޚަބަރުތައް ބުނެއެވެ.
އިސްރާއީލަށް އީރާނުން ދިން ވަރުގަދަ ހަމަލާތަކާއި ދެކޮޅަށް ބަދަލު ހިފުމަށް އިސްރާއީލުގެ ކެބިނެޓުން ގޮތެއް ނުނިމި ދިގުލައިގެންދަނީ މިދެންނެވި މަގުން ކަންތައްތައް ހިނގާތީއެވެ.









