އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމުމަގުން އިއްޔެ ދިން ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ 34 މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނު ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ޕެރެމެޑިކްސް އާއި ރެސްކިއު ޓީމުތަކުން ހަތަރު މީހެއްގެ ހަށިގަނޑު ނަގާފައިވަނީ އުތުރު ސްޓްރިޕްގެ ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ ހުޅަނގުން ބިއީ ނަޖާ ގައި އިސްރާއީލުގެ ހަމަލާތަކުގައި ގޮއްވާލާފައިވާ ޢިމާރާތަކުންނެވެ.
އިއްޔެ އިސްރާއީލުން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ބޮމުގެ ހަމަލާތައް ދީފައި ވެއެވެ. އެތަނުގައި ހުންނަ ސްކޫލަކަށް ދިން ހަމަލާގައި އަންހެނަކު އަންހެނަކު ޝަހީދުވެ ހަތަރު މީހަކު ޒަހަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
މީގެއިތުރުން އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓްތަކުން ޣައްޒާ ސިޓީގެ ދެކުނުގެ ގެއަކަށް ވައިގެ މަގުން ދިން ހަމަލާގައި އާންމުންގެ ތިން މީހަކު ޝަހީދުވެ އިތުރު ބަޔަކު ޒަޚަމްވެފައިވެވެ. މީގެއިތުރުން ސްޓްރިޕްގެ މެދުތެރޭޣައިވާ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ އިމާރާތެއްގެ އެޕާޓްމަންޓަކަށް ހަމަލާދީ ދެ ކުއްޖަކު ޝަހީދުކޮށްލާފައި ވެއެވެ. އެ ހަމަލާތަކުގައި ވެސް އިތުު ބަޔަކު ޒަޚަމް ވިއެވެ.
މިއާއެކު ހުކުރު ދުވަހުގެ ފަތިހުން ފެށިގެން ސްޓްރިޕްގައި މަރުވި މީހުންގެ އަދަދު ވަނީ 34 އަށް އަރާފައި ކަމަށާއި އޭގެ ތެރޭގައި ޖަބަލިއާ ކޭމްޕްގައި ތިބި 15 މީހުން ހިމެނޭ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެ އެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ނަސްލު ނައްތާލުމުގެ ހަމަލާ ކުރިއަށް ގެންދާއިރު އދ އަކަށް ވެސް މިކަމެއް ނުހުއްޓުވުނެވެ. އިސްރާއީލާއި ގުޅިފަިއވަނީ ބާރުގަދަ އެމެރިކާއާއި އިނގިރޭސިވިލާތެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފަނާކުރަނިވި ހަނގުރާމައެއް ކުރަމުން އަންނައިރު، ފަލަސްތީނުގެ 42،126 މީހުން ޝަހީދުވެ، 98،117 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު އިތުރު 10،000 މީހުން ޢިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައި އެބަތި ކަމަށް ޚަބަރުތައް ބުނެއެވެ.
ފަލަސްތީނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި މަރުވެ ޒަޚަމްވި މީހުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން ޣައްޒާގެ މުޅި ސަރަހައްދުން ގާތްގަނޑަކަށް ދެ މިލިއަން މީހުން ގަދަކަމުން ގެދޮރުން ނުކުންނަން މަޖުބޫރުވެ ގެދޮރު ދޫކޮށްލާފައި ވާއިރު، އޭގެތެރެއިން ބޮޑު ބައެއް ވަނީ މިސްރާއި ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ތޮއްޖެހިފައިވާ ސިޓީ ރަފާއަށް ބަދަލުވެފައެވެ. އިސްރާއީލުން ވަނީ ރަފާގައި ވެސް ބޮޑު ޤަތުލުޢާންމެއް ހިންގާފައެވެ. މިހާރު ފަލަސްތީނަށް ދެމުންދާ ހަމަލާތައް ސިފަވަނީ 1948 ވަނަ އަހަރުގެ ނަކްބާ އާއި ކަމަށް ފަލަސްތީނުން ބުނެއެވެ. ނަކްބާގެ މާނައަކީ މުސީބާތެވެ.









