އިއްޔެ މެންދުރުފަހު މާލޭގެ މާވެޔޮ މަގުގައި ހުރި ބޮޑު ގަހެއް ވެއްޓި، ދެ ސައިކަލަކަށް ގެއްލުންވެ، މަގު ބަންދުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މާވެޔޮ މަގުގެ ކައުންޓްލައިން ސަރަހައްދުގައެވެ.
ގަސް ވެއްޓުމާއި ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މިފަދަ ހާދިސާތައް ހިނގަމުންދާކަން ފާހަގަކުރެވެއެވެ. ހުޅުމާލޭގައި ވެސް ގަދަވަޔާއެކު ގަސްތަކެއް ވަނީ ވެއްޓިފައެވެ.
މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 4 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް ވައި ގަދަވެ، ވިލާގަނޑުގައި ވަރަށް ވައި ގަދަވެފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
މި ދުވަސްވަރަކީ ވައިގަދަ، ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު، ރައްޔިތުން ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައި ވެއެވެ.









