މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 92،860 އަށް އަރައިފިއެވެ. މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރެއިން 6 ވަނަ ޤައުމެވެ.
މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިގިނައިން ފަތުރުވެރިން އައި ޤައުމަކީ އިންޑިއާއެވެ. އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 39،680 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަުމްލަ އަދަދު 1.5 މިލިއަނަށް އަރައިފިއެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ތެރޭގައި ޗައިނާ (229،111)، ރަޝިޔާ (167،223)، އިނގިރޭސިވިލާތް (128،883)، ޖަރުމަނު (111،597) އަދި އިޓަލީ (107،799) ހިމެނެއެވެ.
ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި، އިންޑިއާގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވާފައެވެ.









