މޯލްޑިވިއަން އެއަރލައިންސްއިން ކޫއްޑޫ އެއާޕޯޓަށް ކުރަމުންދިޔަ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެއާޕޯޓުގެ މަރާމާތުތައް ނިމެންދެންނެވެ.
މޯލްޑިވިއަންގެ އޮފިޝަލަކު "ވަގުތު" އަށް މަޢުލޫމާތު ދެއްވިގޮތުގައި، މާދަމާއިން ފެށިގެން ކޫއްޑޫ އެއާޕޯޓަށް ކުރާ ދަތުރުތައް މެދުކަނޑާލާނެއެވެ. މިގޮތަށް ނިންމާފައިވަނީ އެއާޕޯޓުގެ ސަލާމަތީ މައްސަލަތަކާ ގުޅިގެންނެވެ.
"ކޫއްޑޫ މަރާމާތު ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ގެއްލުންތަކެއް ލިބެމުންދޭ. ސޭފްޓީ އިޝޫތަކާ ހެދި މެދުކަނޑާލަން ޖެހުނީ. އައިލެންޑް އޭވިއޭޝަނުން ބަލާނީ ފަސިންޖަރުންނާއި ކްރޫންގެ ރައްކާތެރިކަމަށް،" އެ އޮފިޝަލް ވިދާޅުވިއެވެ.
އިތުރަށް އެ އޮފިޝަލް ވިދާޅުވިގޮތުގައި، ރަންވޭ އާއި އޭޕްރޮން އަދި ޓެކްސީ ވޭގެ ތާރުގަނޑަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ރައްކާތެރިކަމަށް ބުރޫ އަރަމުންދާކަމަށް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. އަދި މަރާމާތުތައް ނިމުމާއެކު ވީހާވެސް އަވަހަކަށް ދަތުރުތައް އަލުން ފަށާނެކަމަށްވެސް ވިދާޅުވިއެވެ.
ކޫއްޑޫ އެއާޕޯޓް ހިންގަމުން ދަނީ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓުންނެވެ. މި އެއާޕޯޓް ހުޅުވާފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު އެއާޕޯޓް މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.









