ރާއްޖޭގެ ތަރައްޤީގެ މަގު ބައްޓަންކުރުމުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ ދައުރު މުހިންމުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ ރާއްޖެއާއި ޔޫއެންޑީޕީގެ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ޔޫއެންޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެއާއި ޔޫއެންޑީޕީއާ ދެމެދު އޮތް 45 އަހަރުގެ ގުޅުމަކީ ދިވެހި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމުގައި މުހިންމު އަހަރުތަކެކެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއާއި ޔޫއެންޑީޕީގެ ގުޅުން ބިނާވެފައިވަނީ ކުރިއެރުމާއި ތަރައްޤީ އަދި އިންސާނީ ކަރާމާތުގެ މައްޗަށް ކަމަށެވެ. އަދި މި ގުޅުމުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ތަރައްޤީއާއެކު ކޮންމެ ދިވެއްސަކަށްވެސް މުސްތަޤުބަލުގައި ކުރިއެރުމުގެ ފުރުޞަތު ހޯދައިދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެމަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވާ ތަޞައްވުރުތަކާ ގުޅޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އަދި މި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް ޔޫއެންޑީޕީގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވެ، ކުރިއަށް އޮތް 20 އަހަރަށް އެކަށައަޅަން ފަށާފައިވާ ތަރައްޤީގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން އެކުލަވާލުމަށް ޔޫއެންޑީޕީން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ދަންނަވާފައިވެއެވެ.
"މި ލަނޑުދަނޑިތައް ހާސިލް ކުރުމަށް ޔޫއެންޑީޕީގެ އެއްބާރުލުން ބޭނުންވޭ. ކުރިއަށް އޮތް 20 އަހަރަށް އެކަށައަޅަން ފަށާފައިވާ ތަރައްޤީގެ ޕްލޭނާއި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން އެކުލަވާލުމަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ދަންނަވަން. މި ދެކަންތައް ވެސް ހާސިލް ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވިއެވެ.









