އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުކުރި އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގައިވާ، 45 އަހަރު ނުވާ އަންހެނުން މަހުރަމަކާއި ނުލާ އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ އުވާލެއްވުމަށް ވަޒީރު އަންގަވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މި މާއްދާއަކީ 2022 ވަނަ އަހަރު އާއްމުކޮށް ޢަމަލު ކުރަމުން އައި އުސޫލުގައިވެސް ހިމެނިފައިވާ މާއްދާއެއް ނަމަވެސް މި މާއްދާ އާ އުސޫލުން އުނިކުރެއްވުމަށް ވަޒީރު އަންގަވާފައިވަނީ ސަޢުދީ ޢަރަބިއްޔާއިން ކުރިން ޢަމަލު ކުރަމުން އައި އުސޫލު ދާދިފަހުން ބަދަލުކުރައްވާ އަންހެނުންނަށް މަޙުރަމަކާއި ނުލާ އުމްރާ ކުރަން ދެވޭނެ ގޮތަށް ބަދަލުކުރައްވާފައިވާތީ ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިއްޔެ އާއްމުކުރެއްވި ޢުމްރާއަށް ގެންދިއުމާއި ގުޅޭ އާ އުސޫލަކީ، ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށައަޅާ ކުންފުނިތަކަށްވެސް ކުރިއަށްވުރެ ބޮޑުތަން ލުއި ވާނެ ގޮތަށް އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ކުރިން އަހަރަކު ދެ ފަހަރު ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އަހަރުގެ ކޮންމެ ހިސާބެއްގައިވެސް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މިހާރު ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.
މީގެ އިތުރުން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ހޯދާ ފަރާތްތަކުން އުސޫލާއި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށްވެސް އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.









