ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މަޤާމުގައި ހުރި މުޙައްމަދު ޖައުޝަން ޝަރީފަށް ނިއުރޭޑިއަންޓުން މަޝްހޫރުވި ކެޕްޓަން "ޓޮމް"ގެ ފާޑުކިޔުންތަކަށްފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަޤާމަށް ވާދަކުރާ ކެންޑިޑޭޓަކީ ފުޓްބޯޅައާ ގުޅުންހުރި ހަރަކާތްތަކުގައި އެފްއޭއެމްގެ މަތީ ފެންވަރުގެ މެނޭޖްމަންޓާ ގުޅިގެން މަސައްކަތްކުރާނެ ފަރާތަކަށް ވުމާއެކު، ވަޒީފާއަށް އެދޭ ފަރާތްތަކުން މަދުވެގެން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ގަވަރނަންސް، ލޯ، ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް އޮތުން ލާޒިމުކަމަށް ޢިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އިސްކަންދެވޭނީ ފުޓްބޯޅަ މެނޭޖްމަންޓްގެ ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، ހާއްސަކޮށް އޭއެފްސީ، ފީފާ، ނުވަތަ ޤައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ކަމަށް އެފްއޭއެމުން ބުނެއެވެ.
މިހާރު އެކްޓިން ޖެނެރަލް ސެކްރެޓަރީގެ މަޤާމު އަދާކުރައްވަނީ މުހައްމަދު ޖައުޝަން ޝަރީފެވެ. އޭނާއަކީ ބައްސާމް އަދީލް ޖަލީލުގެ ދުވަސްވަރު ހިންގި ހުރިހާ ގޯސްކަންތައް އެނގޭނެ އަދި އެކަން ނުހުއްޓުވި މީހެއް ކަމަށާއި އޭނާއާއި ދޭތެރޭ އިތުބާރު ނެތްކަމަށް ދޭހަވާގޮތަށް އަޙްމަދު ޠޯރިޤް، ޓޮމް ވަނީ ވާޙަކަތަކެއް ދައްކާފައެވެ.

އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމަށް ޤައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި މިހާރުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) އެފްއޭއެމްގެ ލީގަލް ޑިރެކްޓަރު އަދި އިންތިގާލީ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފަށް 27 ޑިސެމްބަރު 2023 ގައި ފޯމު ހަވާލުކުރައްވަނީ. ޓޮމްގެ ފޯމު ފަހުން ވަނީ ބާޠިިލް ކޮށްފައި. ފޮޓޯ: ޓޮމް.
ނޯމަލައިޒޭޝަން ކޮމިޓީގެ މުގައްރިރު އަހުމަދު ޒުހޫރު ފާހަގަކުރެއްވި ގޮތުގައި ޖައުޝަން އިސްތިއުފާ ހުށަހެޅުއްވި ނަމަވެސް މިހާރު މާލީ ގޮތުން ހުރި ދަތިތަކުގެ ސަބަބުން އެ ކޮމިޓީއާއެކު އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ބައްސާމްގެ ދުވަސްވަރު ނިއުރޭޑިއަންޓް ސަސްޕެންޑުކޮށް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރުމާއި އެނޫންވެސް ފުޓުބޯޅައިގައި މީގެ ކުރިން ނުފެންނަ އެތައް ގޯސް ކަންތަކެއް ހިނގާފައިވާކަން ފާހަގަކުރައްވައި ޓޮމް ބުނެފައިވަނީ އެފްއޭއެމް ހަމަޔަކަށް އަޅުވައިދޭނެ ރައީސެއް އެތަނަށް ބޭނުންވާ ކަމަށެވެ. ޓޮމް ވަނީ އެ މަޤާމަށް ޝައުޤުވެރިކަންވެސް ފާޅުކޮށްފައެވެ. ޓޮމް އަކީ މިހާރު މަޖިލިސް މެމްބަރެކެވެ.
އެފްއޭގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 14 ވަނަ ދުވަހުގެ 12:00 އެވެ.









