ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި ފަތުވާ މަޖިލީހުގެ ރައީސް ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހީމެވެ.

އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ނެރުނު މީޑިއާ ބަޔާނު ބުނެފައިވާ ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ ދިވެހި މުޖުތަމަޢަށް ދީނީ ގޮތުން އެނގުން އެންމެ މުހިންމު ކަމަށް ފެންނަ ނުވަތަ އެންމެ ބޮޑަށް މުޖުތަމަޢުގައި އޮޅުންއަރާކަމަށް ފެންނަ ކަންކަމާއި ދާއިރާތަކަކީ ކޮބައިކަން ދެނެގަތުމުގެ ބޭނުމުގައި ޢިލްމީ ދިރާސާކުރުމާއި، އިދާރާތައް ގުޅިގެން ދީނީ އެކިއެކި ދާއިރާތަކުން ދީނީ، ޒަމާނީ، ޢިލްމީ މަސައްކަތްތަކެއް ކުރުމެވެ.

މި ފަހުމުނާމާގެ ދަށުން ދެ އިދާރާއިން ގުޅިގެން މަސައްކަތްކުރާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  1. ކަނޑައެޅޭ ދާއިރާތަކަކުން ޢިލްމީ ދިރާސާތައް ކުރުން.
  2. ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ދީނީ ވަޙުދަތު ޙިމާޔަތް ކުރުމަށް މަސައްކަތްކުރުން.
  3. ރާއްޖޭގެ މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި ޢިލްމީ މަސައްކަތްތައް ކުރުން.
  4. ޢިލްމީ ފޮތްތައް އެކުލަވައިލުމާއި ތަރުޖަމާ ކުރުމުގައި އެހީތެރިވުން.
  5. ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ދެނެގަތުމާއި ގާތްވުން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތައް އިންތިޒާމު ކުރުމުގައި އެހީތެރިވުން.
  6. މުޖުތަމަޢުގައި ދީނީ އަދި ޤައުމީ ލޯބި އުފެއްދުމުގެ މަޤުޞަދު ޙާޞިލު ކުރުމުގައި އެއްބާރުލުން ދިނުން.

މި ފަހުމުނާމާގެ ސަބަބުން ދިވެހިރާއްޖޭގެ ދީނީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، މުޖުތަމަޢުގެ ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށް ވުޒާރާއިން ބުންޏެވެ.