މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި ދިމާވާ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ގްރޭޓަރ މާލެ ސަރަޙައްދުގައި ކުނި އުކާލާ އަދި މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމަށް މާލެފަހި ޕްރޮގްރާމްގެ ދަށުން ނިންމައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި އައު ބަދަލާއެކު ކުނި އުކާލުމުގެ ވަގުތު ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި ކަނޑައެޅޭ ވަކި ސައިޒަކަށްވުރެ ބޮޑެތި އުޅަނދުފަހަރުން މުދާ އުފުލުމުގެ ގަޑިތައް ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކުރެވޭނެ ކަމަށް ވުޒާރާއިން ބުނެއެވެ،
"މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި އުޅަނދުފަހަރުގެ ދަތުރުފަތުރު އިތުރުވެފައިވާތީ، ކުނި އުކާލުމާއި މުދާ އުފުލުމުގެ މަސައްކަތް ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ގަބޫލުކުރެވޭ." ވުޒާރާއިން ހާމަކުރިއެވެ.
މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ މާލޭގެ މަގުތަކުގައި ދުވާލުގެ ވަގުތުތަކުގައި ކުނި އުކާލާ އަދި މުދާ އުފުލާ އުޅަނދުތަކުގެ ސަބަބުން ކުރިމަތިވާ ތޮއްޖެހުން ކުޑަކުރުން ކަމަށް ވުޒާރާއިން ބުންޏެވެ. މިކަމުގެ ސަބަބުން މާލޭގެ މަގުތަކުގައި ދަތުރުފަތުރު ކުރުމަށް ފަސޭހަވެ، ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރިއެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާއި ގުޅިގެން ކަމަށާއި މި ބަދަލު ގެނައުމުގެ ކުރިން ހުރިހާ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެވޭނެ ކަމަށްވެސް ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.









