ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި އިޓަލީގެ ޓޫރިޒަމް މިނިސްޓަރު ޑެނިއެލާ ސަންޓަންކޭ މިއަދު ބައްދަލުކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި އިޓަލީއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ޢަދަދު އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިޓަލީގެ އިންވެސްޓްމަންޓްތައް ގެނެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެ މިނިސްޓަރުން މަޝްވަރާކުރެއްވިއެވެ.
އިޓަލީއަކީ ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޤައުމެވެ. މިއަހަރުގެ މިހާތަނަށް އެ ޤައުމުން 108،000 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރު އިޓަލީ އޮތީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޤައުމުތަކުގެ ތެރެއިން ހަވަނައިގައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.5 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދެ މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނައުމެވެ.









