ހއ. ދިއްދޫގައި ޢިމާރާތްކުރާ ޖޫނިއަރ ކޮލެޖް ޢިމާރާތުގެ %90 މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއެކޭޝަން، ލޭބަރ އެންޑް ސްކިލްސް އިން ބުނެފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ކޮލެޖުގެ މަސައްކަތް ނިމި، 2025 ވަނަ އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކޮލެޖުގެ ޢިމާރާތްކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމި، ކޮންކްރީޓް ހުރިހާ މަސައްކަތެއްވެސް ނިމިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކޮލެޖު ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް މިހާރު ނިމިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި އިންސްޓިޓިއުޓް ހިންގުމުގެ އިދާރީ މަސައްކަތްތަށް ކުރުމަށް ތައްޔާރުވުމުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށެވެ.
ވީ އަވަ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ކިޔަވައިދިނުމަށް ބޭނުންކުރާނެ ކްލާސްރޫމްތަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި، އެކޮމަޑޭޝަން ބްލޮކަކާއި، އައިސިޓީ އާއި ފުޑް ޕްރޮސެސިން އަދި ފުޑް ޓެސްޓިން ލެބެއް ހެދުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާ އޮޑިޓޯރިއަމަކާ، މީޓިން ރޫމްތަކާއި ލައިބްރަރީ ވެސް އެތަނުގައި ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ދަރިވަރުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމަކާއި، ނަމާދުކުރަން ޚާއްސަ އޭރިއާ އެއްވެސް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މި ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިން އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށް ކަމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.









