ކ. ގާފަރުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް މިއަދު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރި މަސައްކަތެއް ކަމަށެވެ.
ބީއެމްއެލް އިން ބުނީ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ފައިސާ ޖަމާ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ ގާފަރުގައި އަލަށް ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ބޭންކިން ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހުޅުވި ތަނެއް ކަމަށެވެ.
މީގެ އިތުރުން ގާފަރުގައި ހުޅުވި އޭޓީއެމްއާ އެކު ކ. ކާށިދޫ އާއި މާފުށީގައި ޤާއިމްކޮށްފައިވާ 2 ބްރާންޗުގެ އިތުރުން ކ. އަތޮޅުގައި މީހުން ދިރިއުޅޭ އިތުރު 6 ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ލިބެން ހުންނާނެކަން ނޫރައްދީން ފާހަގަ ކުރެއްވިއެވެ.
ބީއެމްއެލްއިން 20 އަތޮޅުގައި 39 ބްރާންޗާއި 89 ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 144 އޭޓީއެމް އަދި ކޭޝް އޭޖެންޓުން މެދުވެރިކޮށް ދަނީ ޚިދުމަތް ދެމުންނެވެ.









