ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ސަރަޙައްދުގައި މަގު ބައްތި ޖެހުމަށް ބޭނުންވާ ސާމާނު ހޯދައި، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދުތަކުގައި، އާންމުކޮށް މީހުން ބޭނުންކުރާ ބައެއް މަގުތައް އަނދިރިވުމުގެ ކަންބޮޑުވުން އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ފަޒުލް ވިދާޅުވީ، ވިނަރެސް ފްލެޓްތައް ހިމެނޭ ސަރަޙައްދުގެ މަގު ބައްތިތައް ދިއްލުމަށް ބޭނުންވާ ކަރަންޓު ކޭބަލް ވިއުގަ އޮގަސްޓް މަހުގެ ތެރޭގައި ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތް ނިމިފައި ވަނިކޮށް، ވިއުގައިގައި އަޅާފައިވާ ކަރަންޓު ކޭބަލްތައް ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ފަޒުލް އިތުރަށް ވިދާޅުވީ، ވިނަރެސް ސަރަޙައްދުގެ މަގު ބައްތިތައް ދިއްލުމަށް، އެކަމަށް ބޭނުންވާ ތަކެތި އޯޑަރުކޮށް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެޗްޑީސީން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް މަސައްކަތް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހި އަލިކުރުމުގެ މަސައްކަތް ޚާއްޞަ ޕްލޭނެއްގެ ދަށުން ދަނީ ކުރަމުންނެވެ. އެގޮތުން އެކި ހިސާބުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ނިމި އެ ތަންތަނުގައި މީހުން އާބާދުވާންވާއިރަށް ބައްތި ޖެހުމުގެ މަސައްކަތް ކުރެއެވެ. އެޗްޑީސީން ވިދާޅުވީ ބައެއް ސަރަޙައްދުތަކުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށްދާތީ އެ ހިސާބުތަކުގެ މަގުތަކުގައި ކަރަންޓު ވިއުގަ އެޅުމަށް ދަތިތަކެއް ދިމާވާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަރަންޓު ކޭބަލް ވަގަށް ނެގުމުގެ ގިނަ މައްސަލަތަކެއް މީގެ ކުރިންވެސް ފެންމަތިވެފައިވާ ކަމެވެ. މި ކަމަކީ ސަރަޙައްދު އަލިކުރުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ފާހަގަކުރެއެވެ.









