ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލްގެ މިލްކިއްޔާތުގައިވާ ހުޅުމާލޭ އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންނާއި އެޕާޓްމަންޓުތައް ޙަވާލުކުރީ އެތަން ހުސްކުރުމަށްފަހު ބައްސާމުއެވެ.
މި ދެ އެޕާޓްމެންޓް މި މަހުގެ 6 ވަނަ ދުވަހުގެ ކުރިން ފުލުހުންނާ ހަވާލުކުރުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވެއެވެ. މިއާ ގުޅިގެން އެ ދެ އެޕާޓްމެންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ފުލުހުން ފެށިއެވެ. ނަމަވެސް އެދުވަހަށް އެޕާޓްމަންޓު ހުސްކޮށްފައި ނުވަނީ ހާލަތުގެ ގޮތުން ކަމަށް ބުނެ ބައްސާމްގެ ފަރާތުން ޕޮލިހަށް ސިޓީއެއް ހުށަހެޅިއެވެ.
ފުލުހުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް، އަޙްމަދު ސަވާދު ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި ފީފާ މެދުވެރިކޮށް އެފްއޭއެމްއިން ނެގި ލޯނުގެ ފައިސާއިން އޭރުގެ އެފްއޭއެމްގެ ރައީސް ބައްސާމް، އަމިން އެވެނިއުއިން ދެ އެޕާޓްމެންޓް ގަނެފައިވާކަން ފުލުހުންގެ ތަޙުޤީޤަށް ހާމަވެފައިވާ ކަމަށެވެ. މި މައްސަލައިގައި ބައްސާމް އާއި އިތުރު ބައެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވާފައިވާ ކަމަށް ސަވާދު ވިދާޅުވިއެވެ.






