ފަލަސްތީނުގައި މިހާރު ކުރިޔަށްދާ ޖަރީމާތަކަށް 1 އަހަރު ވުމާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި އިއްޔެ މުޒާހަރާ ކޮށްފިއެވެ.
އިންޑިއާގެ އެންމެ ބޮޑު މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ބޭއްވި މި މުޒާހަރާތަކުގައި ، އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓުވުމަށް އިންޑިއާ ސަރުކާރަށް ވަނީ ގޮވައިލައިފައެވެ.
އިންޑިއާގެ އިސް މަދަނީ ޖަމިއްޔާތަކާއި މުހިންމު ޓްރޭޑް ޔޫނިއަންތަކާއި ގާނޫނީ ވަކީލުން ވެސް ފަލަސްތީނާ އެއްބައިވަންތަކަން ފާޅުކުރުމަށް އެކި ސިޓީތަކުގައި މުޒާހަރާތައް ބާއްވާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އިންޑިއާ ފޯ ފަލަސްތީން ގްރޫޕްގެ އެކްޓިވިސްޓެއް ކަމަށްވާ އަންޖަލީއާ ހަވާލާދީ ނޫސްތަކުގައި ބުނާ ގޮތުން، މުޒާހަރާގެ މައިގަނޑު ޑިމާންޑަކީ ހަތިޔާރު މުޅިން މަނާކުރަން ބޭނުންވާ ކަމަށެވެ.
''އަޅުގަނޑުމެން ބޭނުންވަނީ އިންޑިއާ ސަރުކާރުން އިސްރާއީލަށް ހަތިޔާރު ފޮނުވުން ހުއްޓާލަން، އެކަމުގެ ސަބަބުން ގެއްލުން ލިބެމުންދާކަން އެނގޭތީ...މި (ހަތިޔާރު) ބޭނުން ކުރަނީ މައުސޫމް މީހުން މެރުމަށް" އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިން އިންޑިއާގެ ސަރުކާރަށް ގޮވާލީ އިސްރާއީލު ސަރުކާރާއެކު ހަތިޔާރާއި ވިޔަފާރީގެ އެއްބަސްވުންތައް އުވާލުމަށެވެ. އަދި އިސްރާއީލާއެކު ވަރުގަދަ ގުޅުމެއް ބާނުތިބުމަށެވެ.
އިންޑިއާއިން އިސްރާއީލަށް ހަތިޔާރު ވިއްކާފައިވާ ކަމުގެ ރިޕޯޓްތައް މެއި މަހު ފެންމަތިވިއިރު، ހުޅަނގުގެ ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ވަނީ އިސްރާއީލާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެގޮތުން ސްޕެއިންގެ ކާޓާޖެނާ ބަނދަރުގައި އިސްރާއީލު ބޯޓުފަހަރު ބަނދަރުކުރަން ހުރަސްއެޅިކަން ފާހަގަ ކުރެވެއެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާގެ ފަހުން، ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފަލަސްތީނުގެ 41،870 މީހުން ޝަހީދުވެ، 97،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.









