އައްޑޫ ސިޓީގެ ކެނެރީފް ރިސޯޓުގައި އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 5 އިން 11 އަށެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މުބާރާތުގައި ޖުމްލަ 55 ގައުމަކުން 500 އަށްވުރެ ގިނަ އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވާނެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ގިނަ އަދަދެއްގެ އެތުލީޓުން ވާދަކުރާ ކުޅިވަރު މުބާރާތެވެ.
މުބާރާތް ލޯންޗުކުރުމަށް ގަލޮޅު ރަސްމީ ބޯޅަ ދަނޑުގެ ވީއައިޕީ ލައުންޖުގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ ތަމޫހު އަދި ކެނެރީފްގެ ޑިރެކްޓަރ އަހްމަދު ހަމްޒާ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހީމް ހަމީދު (އިއްބެ) އާއެކު މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި ކޯޗިން ޓީމު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ރަސްމިއްޔާތުގެ ތެރެއިން މުބާރާތް ބާއްވާ ކެނެރީފްގެ ޚާއްޞަ ވީޑިއޯއެއް އަދި މުބާރާތަށް ޚާއްޞަ ވީޑިއޯއެއް ވެސް ދައްކާލެވުނެވެ.
ވަޒީރު ރާފިޢު ވާހަކަފުޅު ދައްކަވަމުން، މިފަދަ މުބާރާތްތަކާއެކު ރާއްޖެއަށް ލިބޭނެ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ. އަދި މިއީ މިފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވިދާނެކަން ހާމަވެގެންދާ ކަމެއްކަމަށާއި، ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ ސަރުކާރުގެ އެއް އަމާޒުކަމުގައި ވިދާޅުވިއެވެ.
2022 ވަނަ އަހަރު ދިވެހިރާއްޖޭގައި ދެކުނު އޭޝިއާގެ އަދި އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕްތައް ކާމިޔާބުކަމާއެކު ބޭއްވުނެވެ. މި ދެ މުބާރާތް އިންތިޒާމުކޮށް ހިންގުނު ފެންވަރާއި ގުޅިގެން، ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ޕޯލް ޗުއާ ވިދާޅުވެފައިވަނީ، ދުނިޔޭގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ހުޅުވިގެން ދިޔަ ކަމަށެވެ









