
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ބުނާ ދެ އެޕާޓްމަންޓް ހުސްކުރުމަށް އޭނާއަށް އިތުރަށް ވަގުތު ނުދީ މާދަމާ އެތަންތަން ހުސްކޮށް ފުލުހުންނާއި ހަވާލު ކުރުމަށް އަންގަވައިފިއެވެ.
އަމީން އެވެނިއު އޯކް އިން ބައްސާމް ގަނެފައިވާ 2 އެޕާޓްމަންޓް ހުސްކުރުމަށް އިތުރު ވަގުތު ދިނުމަށް ބައްސާމްގެ ލޯޔަރު ވަނީ ސިޓީއެއް ވެސް ފޮނުވާފައެވެ.
އެނގިފައިވާ ގޮތުގައި މިމަސް ނިމުމުގެ ކުރިން އެތަން ހުސް ކުރުމަކީ ދަތިކަމެއް ކަމަށާއި މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ބައްސާމުގެ ފަރާތުން ވަނީ އެދިފައެވެ.
ފުލުހުން ވަނީ ބައްސާމަށް އެތަން ހުސްކުރަން އިއްޔެވެސް ވަގުތު ދީފައެވެ.
ފުލުހުން ބުނީ މާދަމާރޭ 12:00 އާއި ހަމަޔަށް އެތަންތަން ހުސްނުކޮށްފިނަމަ ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތަން އަތުލާނެ ކަމަށެވެ.
ބައްސާމްގެ މައްޗަށް އުފުލާފައިވާ މައްސަލައިގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދީފައިވާ 1 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ އެފައިސާ މާރުކުރުމަށްފަހު ކޮމިޝަން ފައިސާއިން އެޕާޓްމަންޓްތައް ގަނެފައިވާ ކަމަށެވެ.






