އިންޑިއާ ސަރުކާރުން ދެންނެވި ހޫނު މަރުހަބާއާއި އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު އެއްބަސްވުންތަކެއް ވެވޭނެ ކަމަށް އުންމީދުކުރެވެއެވެ.
އިންޑިއާގެ ރައީސްގެ ދަޢުވަތަކަށް ކުރެއްވި މި ހާއްސަ ދަތުރުފުޅުގައި ތެރެއިން އިންޑިއާގެ ރައީސާއި ބޮޑުވަޒީރާއެކު ބޭއްވިގެންދިޔައީ ވަރަށް މުހިއްމު ބައްދަލުވުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބައްދަލުވުންތަކުގައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަމަށާއި ކުރިއަށްއޮތްތަަނުގައި ދެ ޤައުމުން ގުޅިގެން އިޤްތިޞާދީ އަދި މެރިޓައިމް ސެކިއުރިޓީ ޕާޓްނަރޝިޕަކަށް މަސައްކަތްކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހި ވަފްދުގެ މެހުމާންދާރީގެ އެންމެހާ ކަންކަން އިިންޑިއާގެ ސަރުކާރުން ބަލަހައްޓަވާއިރު ، ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށް ވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ތާވަލު ކުރެވިފައެވެ.









