މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ކެމިކަލް ގުދަންތަކާއި ސްޓީލް ސްޓްރަކްޗަރތަކުގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ހިރާސް ފާސް" މާލޭގެ ބައިގައި ފުލުހުން ބައިވެރިވެެއްޖެއެވެ.
މި އޮޕަރޭޝަނަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އިސްނަގައިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ މާލޭގެ ބައިގައި ޖުމުލަ 10 ޓީމު ބައިވެރިވެފައިވާއިރު މި އިން ކޮންމެ ޓީމެއްގައި ވެސް މަދުވެގެން އެއް ފުލުހަކު ހަރަކާތްތެރިވެފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މާލޭގައި ހުރި ކެމިކަލް ގުދަންތަކާއި ސްޓީލް ސްޓްރަކްޗަރތަކުގެ ތަފްސީލީ މަޢުލޫމާތު އެއްކޮށް، އެ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެފަދަ ތަންތަނުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ޙާދިސާތަކަށް ތައްޔާރުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި ފުރަތަމަ ތިން ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމުތަކުން ވަނީ، މީހުން ދިރިއުޅޭ 347 ޢިމާރާތާއި، ނުރައްކާތެރި ކެމިކަލް ގުދަންކުރާ 31 ގުދަނާއި އަދި ކެމިކަލް ވިއްކާ 24 ފިހާރަ ބަލައި މަޢުލޫމާތު އެއްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ އޮކްޓޫބަރު މަހުގެ 1 އިން 15 އަށް ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ޤަވާޢިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށެވެ.









