ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެމްޕޮކްސް ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ވެކްސިން ދޭން ފަށައިފިއެވެ. މި ވެކްސިން ކެމްޕޭން ފަށާފައިވަނީ އެފްރިކާ ބައްރުގެ 15 ޤައުމެއްގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
ކޮންގޯގެ އިރުމަތީގައި އޮންނަ ގޮމާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އެންމެ ފުރަތަމަ ވެކްސިން ދެވުނީ އެ ޤައުމުގެ ޞިއްޙީ ޚިދުމަތްތެރިންގެ ޓީމަކަށެވެ. ނަމަވެސް، ކޮންގޯގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ވެކްސިންގެ ދަތިކަން ހުރުމާއެކު ގިނަ ބަޔަކަށް ވެކްސިން ނުދެވޭނެ ކަމަށެވެ. މިހާރު އެ ޤައުމުގައި ހުރީ ވެކްސިންގެ 265,000 ޑޯޒެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް އެފްރިކާ ބައްރުގައި 30,000 އަށްވުރެ ގިނަ މީހުންނަށް އެމްޕޮކްސް ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށެވެ. އަދި މި ބަލީގައި 990 މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރެއިން 90 އިންސައްތަ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ކޮންގޯއިންނެވެ.
އެފްރިކާގައި މި ބަލި ފެތުރުން ހުއްޓުވުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ބައިނަލްއަޤްވާމީ އިދާރާތަކާއި އެހެނިހެން ޤައުމުތަކުން ވެކްސިން ހަދިޔާކުރުމުގެ މަސައްކަތް ފަށާފައިވެއެވެ.