ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދިވެހިރާއްޖެއަށް އެމްޕޮކްސް ޓެސްޓުކުރާ ކިޓުތަކެއް ހަދިޔާކޮށްފިއެވެ.
މި ކިޓުތައް ހަވާލުކޮށްދެއްވީ ޑަބްލިއުއެޗްއޯގެ މެޑިކަލް އޮފިސަރު ޑރ. ޕަޑްމަލް ޑި ސިލްވާއެވެ. އަދި ސިއްޙީ ވުޒާރާގެ ފަރާތުން މި ޓެސްޓު ކިޓުތަކާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ.
މި ކިޓުތަކަކީ ރާއްޖޭގައި އެމްޕޮކްސްއަށް ތައްޔާރުވުމަށް އެހީތެރިވެދޭނެ މުހިންމު ވަސީލަތެއް ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އެމްޕޮކްސްއަކީ ނުރައްކާތެރި ބައްޔަކަށްވުމާއެކު، ދުނިޔޭގެ ޞިއްޙަތު ޖަމްމްޢިއްޔާއިން ވަނީ މި ބަލީގެ ސަބަބުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ.
ރާއްޖެއިން މި ބަލި ފެނިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އިންތިޒާމުތައް ސިއްޙީ ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ. އަދި މި ބައްޔާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއްވެސް ކުރިއަށްދާކަމަށް ވުޒާރާއިން ބުންޏެވެ.
އެމްޕޮކްސް މައިގަނޑު ގޮތެއްގައި ފެތުރެނީ ރައްކާތެރިނޫން ޖިންސީ ގުޅުމުން ކަމަށް ޞިއްޙީ މާހިރުން ފާހަގަކުރައްވައެވެ. އެހެންކަމުން، މި ބަލިން ރައްކާތެރިވުމަށްޓަކައި ރައްކާތެރި ޖިންސީ ގުޅުން ބޭއްވުމަށް އިރުޝާދު ދެއްވައެވެ.
މި ޓެސްޓު ކިޓުތައް ލިބުމުން، ރާއްޖޭގައި އެމްޕޮކްސް ފެތުރިއްޖެ ހާލަތެއްގައި އަވަހަށް ދެނެގަނެ، ބަލި ކޮންޓްރޯލްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ސިއްޙީ ވުޒާރާއިން ބުންޏެވެ.