ތައިލޭންޑުންވެސް އެމްޕޮކްސްގެ ނުރައްކާތެރި ވޭރިއަންޓެއް ފެނިއްޖެ

އަައިޝަތު ޒީނާ | 423 ދުވަސް ކުރިން - 21 އޯގަސްޓް 2024 14:51
ޚުލާސާ

އެމްޕޮކްސްގެ ނުރައްކާ ވޭރިއަންޓް ޖެހިފައިވާކަމަށް ބެލެވޭ މީހަކު ތައިލެންޑުންވެސް ފެނިއްޖެ. މި ބަލި ފެނިފައިވަނީ އެފްރިކާގެ ޤައުމަކުން ތައިލެންޑަށް ދިޔަ ޔޫރަޕް މީހެއްގެ ގައިން. އޭނާއަށް ޖެހިފައިވަނީ ބަލީގެ ނުރައްކާ ވޭރިއަންޓް ކަމަށްވާ ކްލޭޑް 1. އޭނާ މިހާރު ހުރީ ކަރަންޓީނުކޮށްފައި.

އެމްޕޮކްސްގެ ނުރައްކާ ވޭރިއަންޓް ޖެހިފައިވާކަމަށް ބެލެވޭ މީހަކު ތައިލެންޑުންވެސް ފެނިއްޖެއެވެ.

ތައިލެންޑުގެ ޑިޕާޓްމަންޓް އޮފް ޑިޒީސް ކޮންޓްރޯލް އިން އޭއެފްޕީއަށް ބުނި ގޮތުގައި މި ބަލި ފެނިފައިވަނީ އެފްރިކާގެ ޤައުމަކުން ތައިލެންޑަށް ދިޔަ ޔޫރަޕް މީހެއްގެ ގައިންނެވެ. އޭނާއަށް ޖެހިފައިވަނީ ބަލީގެ ނުރައްކާ ވޭރިއަންޓް ކަމަށްވާ ކްލޭޑް 1 ކަމަށާއި އޭނާ މިހާރު ހުރީ ކަރަންޓީނުކޮށްފައި ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން އެފްރިކާގެ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ބްރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔުގެންޑާގައި ބަލި ފެތުރެމުންދާއިރު މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. ކޮންގޯއިން މިހާތަނަށް 16000 އަށްވުރެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާއިރު މި އަހަރުގެ މިހާތަނަށް 500 މީހުން ވަނީ މި ބަލި ޖެހިގެން އެ ޤައުމުން މަރުވެފައެވެ.

މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ 1958 ވަނަ އަހަރު ޑެންމާކުންނެވެ.

ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު ބަލީގެ ހާލަތު މޮނީޓާކޮށް މި ބައްޔާ ގުޅިގެން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ ބުނެފައެވެ. އެގޮތުން ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓުކުރުމާއި ފަރުވާދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި މި ބައްޔަށް ސިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުމާއި ސަރވެއިލެސް ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ އެމްޕޮކްސް މިހާރު ފެތުރެމުންދާ ސްޓްރެއިން އާއްމުގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމުގައި ވީނަމަވެސް، އެހެން ގޮތް ގޮތުންވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި، ބަލި މީހާ ބޭނުން ކުރާ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުންނާއި، ގިނަ ވަގުތު ބަލި މީހާ ގާތުގައި ހޭދަވުމުން ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނާއި އަދި ބަލި ޖެހިފައިވާ ޖަނަވާރަކާއި ކޮންޓެކްޓުވުމުން ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެމްޕޮކްސްގައި އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި، ގޮށްލުމާއި އަދި ހަމުގައި ބިހި ނެގުން ފަދަ އަލާމާތްތައް ހިމެނެއެވެ. ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވީނަމަވެސް ބަލީގެ ހާލަތަށް ބަލާ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ ހާލަތު މެދުވެރިވާކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލާ، ފޯރުކޮށްދެވެނީ ސަޕޯޓިވް ފަރުވާއެއް ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ހޮނަރަބަލް އަފީފް ދީދީ

422 ދުވަސް ކުރިން - 11:38

އެކަމަކުވެސް ޓޫ ކުދިން އެއްކޮށް ޓުގެދަރ ކޮށް ދާން ވާނެ ތައި އަށް