ރާއްޖޭގައި އެމްޕޮކްސްއަށް ޓެސްޓް ކުރެވޭ ގޮތް ހަދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައްޔާރުވާން ފަށައިފިއެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު ބަލީގެ ހާލަތު މޮނީޓާކޮށް މި ބައްޔާ ގުޅިގެން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓުކުރުމާއި ފަރުވާދިނުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި މި ބައްޔަށް ސިއްޙީ ޚިދުމަތްތެރިން އަހުލުވެރިކުރުމާއި ސަރވެއިލެސް ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެމްޕޮކްސްއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާންމު ސިއްޙަތަށް އޮތް ނުރައްކަލެއް ކަމުގައި މި މަހުގެ 14 ވަނަ ދުވަހު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މި ޙާލަތު އިއުލާނުކޮށްފައި މިވަނީ މި ބައްޔަކީ ކުރިން އެފްރިކާގެ ޤައުމުތަކުގައި އޮތް ބައްޔަކަށް ވީނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިން އެއް ފެނި އަދި އެހެން ޤައުމުތަކަށް ބަލި ފެތުރެމުން ދާތީއެވެ.
މި ވަގުތު މި ބަލި ހަލުވި ކަމާއެކު ފެތުރެމުން ދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ޤައުމުތަކުގައެވެ. 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 116 ޤައުމަކުން މި ބަލީގައި 99000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ.
އެޗްޕީއޭއިން ބުނީ އެމްޕޮކްސް މިހާރު ފެތުރެމުންދާ ސްޓްރެއިން އާއްމުގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމުގައި ވީނަމަވެސް، އެހެން ގޮތް ގޮތުންވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި، ބަލި މީހާ ބޭނުން ކުރާ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުންނާއި، ގިނަ ވަގުތު ބަލި މީހާ ގާތުގައި ހޭދަވުމުން ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންނާއި އަދި ބަލި ޖެހިފައިވާ ޖަނަވާރަކާއި ކޮންޓެކްޓުވުމުން ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެމްޕޮކްސްގައި އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި، ގޮށްލުމާއި އަދި ހަމުގައި ބިހި ނެގުން ފަދަ އަލާމާތްތައް ހިމެނެއެވެ. ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވީނަމަވެސް ބަލީގެ ހާލަތަށް ބަލާ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހޭ ހާލަތު މެދުވެރިވާކަމަށް އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ބުނީ މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލާ، ފޯރުކޮށްދެވެނީ ސަޕޯޓިވް ފަރުވާއެއް ކަމަށެވެ.