ބޮލީވުޑުގެ މަޝްހޫރު ބަތަލު ސޯނަމް ކަޕޫރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާކަން އެނގިއްޖެއެވެ. ސޯނަމް ރާއްޖެ އައި ސީދާ ތާރީޚެއް އެނގިފައި ނުވިނަމަވެސް، އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި "ހެލޯ ފްރޮމް މޯލްޑިވްސް" ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
ސޯނަމްގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރި އިތުރު ފޮޓޯއެއްގައި، އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ވަން އެންޑް އޮންލީ ރީތިރަށުގައި ކަމަށް ބުނެފައިވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސޯނަމް މި ޗުއްޓީއަށް އައިސްފައިވަނީ އޭނާގެ ފިރިމީހާ އާނަންދު އަހޫޖާއާއި ދަރިފުޅާ އެކުގައެވެ. ނަމަވެސް، ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާ އެ ދެމަފިރިންނާއި ދަރިފުޅުގެ ފޮޓޯއެއް ސޯނަމް އާންމުކޮށްފައެއް ނުވެއެވެ.
39 އަހަރުގެ ސޯނަމް ކަޕޫރަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ދޮށީ ދަރިއެވެ. އޭނާ އެކްޓިންގ ދާއިރާއަށް ނުކުތީ 2007 ވަނަ އަހަރުއެވެ. އޭނާގެ ފުރަތަމަ ފިލްމަކީ "ސާވަރިޔާ" އެވެ. އޭގެ ފަހުން ގިނަ ފިލްމުތަކުގައި ފެނުނު ނަމަވެސް، 2018 ވަނަ އަހަރު ކައިވެނިކުރުމާއި ގުޅިގެން ސޯނަމް ވަނީ ފިލްމު ދާއިރާއިން ވަގުތީގޮތުން ދުރުވެފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިއީ ސޯނަމް ރާއްޖެއަށް އައި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ. މިފަދަ މަޝްހޫރު ތަރިންގެ ޒިޔާރަތްތަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.









