އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނަށް މުހިންމު އަސްކަރީ ހަމަލާއެއް ދިނުމުގެ ތައްޔާރީތައް ފައިނަލް ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. ކެބިނެޓް ބައްދަލުވުމެއްގައި ނަތަންޔާހޫ ފާހަގަކުރެއްވި ގޮތުގައި މި އަސްކަރީ ހަމަލާ ކުރިއަށް ގެންދާނީ އެމެރިކާއާއި ކޯޑިނޭޓްކޮށްގެން ކަމަށާއި މިއީ އީރާނުގެ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ނިއުޓްރަލައިޒް ކުރުމަށް ދެވޭ ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ
އީރާނަކީ މެދުއިރުމައްޗަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ނަތަންޔާހޫ ސިފަކުރައްވައި، ސަރަހައްދު ސަލާމަތް ކުރެވޭނީ އީރާނާއި އެގައުމުގެ އެކުވެރި ގައުމުތައް ބަލިކޮށްގެން ކަމަށް ނަތަންޔާހޫ ވިދާޅުވި ކަމަށް ހަބަރުތައް ބުނެއެވެ. "މިހާރު އަޅުގަނޑުމެން އަމަލު ނުކޮށްފިނަމަ، އީރާނުން މި ފުރުސަތުގެ ބޭނުން ހިފައިގެން ނިއުކްލިއާ ހަތިޔާރު އުފައްދާނެ" އޭނާ އިންޒާރު ދެއްވި އެވެ.
ނަމަވެސް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އީރާނުގެ ނިއުކްލިއާ ނުވަތަ ތެޔޮ ފެސިލިޓީތަކަށް އެއްވެސް ހަމަލާއެއް ދިނުމާ ދެކޮޅު ހައްދަވާފައެވެ. ނަމަވެސް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވަނީ އިސްރާއީލުން ދިފާއުގައި ކުރާ އަމަލުތަކަށް އެމެރިކާގެ އަސްކަރީ ތާއީދު އޮންނާނެ ކަމަށް ތަކުރާރު ކޮށްފައެވެ.
އެމެރިކާގެ ސިފައިން މިހާރު ވެސް މެދުއިރުމަތީގައި ހަތިޔާރާއިއެކު ތިބިއިރު، އެމެރިކާގެ ހާއްސަ ހަނގުރާމަމތީ ކޮމާންޑަރަކާއި އިތުރު ޓީމެއް ވެސް ވަނީ އިސްރާއީލަށް ގޮސްފައެވެ.
ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމެރިކާގެ ރައީސް ޖޯބައިޑަން ވިދާޅުވީ އެއްވެސް ކަމެއްގައި އެމެރިކާއިން އިސްރާއީލަށް ހުއްދައެއް ދޭޚަށް ނުޖެހޭނެ ކަމަށާއި، އެމެރިކާއިން ދޭނީ ނަސޭހަތެވެ. އޭނާ އިޝާރާތްކުރީ އީރާނުގެ ތެޔޮވަޅުތަކަށް އިސްރާއީލުން ހަމަލާ ދިނުމަށް ނޫސްވެރިޔަކު އެމެރިކާއިން ހުއްދަ ދޭނަންހޭ ބައިޑަން އާއި ސުވާލުކުރުމުންނެވެ.
އީރާނުން ބުނެފައި ވަނީ އިސްރާއީލުން ބަދަލުގައި ރައްދު ހަމަލާ ދީފި ނަމަ ވަރަށް ވަރުގަދަ ބަދަލެއް ހިފާނެ ކަމަށާއި އެންމެ ފަހުން ދިން ހަމަލާއަށްވުރެ ނުރައްކާތެރި ހަމަލާއެއް ދޭނެ ކަމަށެވެ.
އީރާނުގެ އޮފިޝަލުން ވަނީ ބޮޑެތި މިސައިލް ހަމަލާތަކާއި އާދަޔާ ހިލާފު ރައްދުތަކާއި ދުނިޔޭގެ ތެލުގެ ބާޒާރަށް ހުރަސްއެޅިދާނެ ކަމުގެ އިންޒާރު ދީފައެވެ.









