ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދާއި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަން ފާހަގަކުރައްވައި، އަހަރަކު 4 މިލިއަން މީހުން ޒިޔާރަތްކުރޭތޯ މަސައްކަތްކޮށް، އަދި ވަކިން ހާއްސަކޮށް މިހާރު މިލިބޭ ޢާމްދަނީ 7 ބިލިއަން ޑޮލަރަށް ހެދުމުގެ އަމާޒު ހިފާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު ވިދާޅުވީ، ފަސް އަހަރުގެ ތެރޭގައި ޓޫރިޒަމްގެ އާމްދަނީ ހަތް ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށާއި މި ދާއިރާ ތަރައްގީކޮށް ބައިނަލްއަގްވާމީ ޒިޔާރަތްތެރިން އިތުރުކުރުމަށް ސަރުކާރުން ހީވާގިކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
މިހާރު އިޤްތިޞާދަށް 4.5 ބިލިއަން ޑޮލަރު ޙިއްޞާކުރަމުންދާ ފަތުރުވެރިކަން ބޮޑުތަނުން ކުރިއަރަން ތައްޔާރަށް އޮތްކަމަށް ފައިސަލް ވިދާޅުވެފައިވާއިރު، ޗައިނާ އާއި އިންޑިއާ ފަދަ މުހިއްމު މާކެޓްތަކުން ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެގެ އިގްތިޞާދަށް މި ކޮންޓްރިބިއުޓްކުރާ 4.5 ބިލިޔަން ޑޮލަރު ގާތްގަނޑަކަށް ހަތް ބިލިޔަން ޑޮލަރަށް މި ސަރުކާރު ނިމިގެންދާއިރު އަޅުގަނޑުމެންނަށް ޖެއްސޭނެ ... އެއަށް އަމާޒުކުރަމުން މިދަނީ. މި ސަރުކާރުގެ 5 އަހަރު ނިންމާލާނީ 3.5 މިލިޔަން ނުވަތަ 4 މިލިޔަން ފަތުރުވެރިން ގެނެސްފައި." މިނިސްޓަރު ވިދާޅުވިއެވެ.









