ރޭ އިސްރާއީލުން ޣައްޒާގެ އުތުރުގެ އެކި ހިސާބުތަކަށް ހަމަލާދީ 30 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް 150އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްފައި ވާއިރު ޔަހޫދީން އެޅި ބޮންތަކުގެ ސަބަބުން ޢިމާރާތްތައް ފުނޑުފުނޑުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ޣައްޒާއިން ރިޕޯޓް ކޮށްފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި ޔަހޫދީ މަތިންދާބޯޓުތަކުން ރޭ ޣައްޒާގެ މެދުތެރެޔަށް ވެސް ހަމަލާ ދިނެވެ. އެގޮތުން ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދާ ސްކޫލެއް ހިސާރު ކުރުމަށްފަހު އެތަނަށް ބޮން އެޅި ކަމަށާ ހިބްރޫން ސިޓީއަށް އަރައި އެތަނުގައި ވެސް ހަމަލާތައް ދިންއިރު، މެދުތެރޭގައި އޮންނަ އަލް އަޤްސާ ޝަހީދުންގެ ހޮސްޕިޓަލްގެ ގޭޓް ކުރިމަތީގައި ހުރި މިސްކިތަކަށް ވަރަށް ވަރުގަދަ ހަމަލާއެއްދީ އެތަނުން ވެސް 18 މީހުން ޝަހީދުވެފައިވާއިރު އެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ޝަހީދުވި މީހުންގެ ހަށިތަކާއި އަނިޔާވެފައިވާ މީހުން ލެޔާއިއެކު ފޮތިގަނޑުތަކަށް އަޅައިގެންނާއި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔައިރު ، އެ މިސްކިތަކީ ގެދޮރު ގެއްލިފައިވާ މީހުންނާއެކު ފުރިފައިވާ މިސްކިތެކެވެ.


ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ބައިތު ލަހިޔާގައި ހުރި ގެއަކަށް ބޮން އެޅުމުގެ ސަބަބުން އެތަނުން ވެސް މަދުވެގެން ދެ މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭއިރު މިހަމަލާގައި ވެސް 11 މީހުން ވަނީ ޚަމްވެފައެވެ.
މީގެ އިތުރުން ނާބުލުސްގެ ހުޅަނގު ދެކުނުގައިވާ ތަލް އަވަށަށް ހައްދުފަހަނައެޅި ޔަހޫދީން ވަދެ ހިންގި ރެއިޑްތަކުގައި ފަލަސްތީނުގެ މީހެއްގެ ގަޔަށް ބަޑި ޖަހައިފައިވާއިރު ، ޣައްޒާގެ މެދުތެރޭގެ އަލްޒަވައިދާގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލަށް ދިން ހަމަލާގައި ވެސް ބަޔަކު ޝަހީދުވި ކަމަށް ހަބަރުތައް ބުނެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގައި މަދުވެގެން 41،825 މީހުން މަރުވެ، 96،910 މީހުން ޒަޚަމްވެފައިވާއިރު މާދަމަޔަށް ހަމަލާ ތަކަށް 1 އަހަރު ފުރޭނެއެވެ.









