މުނާފިޤުންގެ ވަސްވާސްތަކަށް ނުގޮސް ރަސޫލާ މުޙައްމަދު ޞައްލަالله ޢަލައިހި ވަސައްލަމްގެ ނަމޫނާއަށް ތަބާވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިގޮތަށް އިލްތިމާސް ކުރެއްވީ ރާއްޖެ އިސްލާމްވީ ދުވަހާއި ގުޅިގެން މިއަދު ބޭއްވި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަމިއްލަ ނަފްސަށް ވިސްނާލުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ރައީސް ދެއްވި ނަސޭޙަތްޕުޅަކީ ހެޔޮ އަމަލުތައް ކުރުމުގައި ކުރިއަށް ގެންދިއުމާއި ނުބައި ކަންކަމުން ދުރުހެލިވުމެވެ. އަދި އަމިއްލަ ނަފްސު އިސްލާހު ކުރުމަށް އެމަނިކުފާނު ހުރިހާ އެންމެނަށް ގޮވާލެއްވި އެވެ.
މުސްލިމް މުޖުތަމައު އޮތީ ހިތާމަވެރި ހާލަތެއްގައި ކަމަށާއި އިސްލާމީ އުއްމަތުގެ ފޭރާން ވީދިގެންދާ ނިފާޤުކަމާއި ބާޠިލް ކަންކަމާ ދެކޮޅަށް އަމަލުކުރަންޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޒާރު ދެއްވިއެވެ.
"މި ސުވާލުތައް އަޅުގަނޑުމެންގެ އަމިއްލަ ނަފުސާ ނުކުރެވޭ ނަމަ، ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުބެލެވޭ. މި ސުވާލުތަކަށް ޖަވާބު ހޯދައި އަމިއްލަ ނަފުސު އިޞްލާޙުކުރުމުގެ ދުވަހަކަށް މި ދުވަސް ނެހެދޭ ނަމަ، މި ފަދަ ޖަލްސާތައް ބާއްވައި މި ފެންނަ ޒީނަތްތެރިކަން މި މާހައުލަށް ގެނައުމުގެ އެއްވެސް މާނައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ." ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.









