އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ހާއްސަ ދަޢުވަތަކަށް، އާދީއްތަ ދުވަހު ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާއަށް ފުރާވަަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އިންޑިއާގެ ރައީސްގެ އިތުރުން އެގައުމުގެ އިސް އޮފިޝަލުންނާއި ވަޒީރުންނާއި ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެއެވެ.
ރައީސް ޑރ.މުހައްމަުދު މުއިއްޒު ވަނީ މިދިޔަ ޑިސެމްބަރުގައި ވެސް މޯދީއާއި ބައްދަލުކުރައްވާފައެވެ. އެއީ ކޮޕް ސަމިޓްގެ ތެރެއިންނެވެ. އެއަށްފަހު ޖޫން މަހު 9 ވަނަ ދުވަހު، އިންޑިއާގެ ބޮޑުވަޒީރާއި އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް ރައީސް މުއިއްޒު ވަނީ މޯދީއާއި ބައްދަލުކުރައްވާފައެވެ. އެހެންކަމުން މިއީ ރައީސްގެ މި ދައުރުގައި މޯދީއާއި ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ.
ކުރީގެ ރައީސް ޔާމީނު ސިޔާސީ ބޭނުމަކަށް "އިންޑިއާ އައުޓް" ކެމްޕޭނު ކުރެއްވުމުގެ ސަބަބުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު ކޮންމެވެސް ވަރަކަށް ނުތަނަވަސްކަމެއް ދިމާވިޔަސް، ދެގައުމުގެ ދެމެދުގައި މިވެރިކަމުގައި ގުޅުންތައް ވަނީ އިތުރަށް ބަދަހި ވެފައިކަން ފާހަގަ ކުރެވެއެވެ.
ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާނީ މިމަހުގެ 10ވަނަ ދުވަހުގައެވެ.










