ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ވިނަރެސް އިމާރާތްތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުން ކުރުމުގެ އުސޫލު އެކުލަވާލައި އަމަލު ކުރަން ފަށައިފި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނިގޮތުގައި މި އުސޫލަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، މި އުސޫލުގެ ދަށުން، ކޮންމެ ފްލެޓަކަށް ހަވާލު ކުރެވޭނީ 5 ޓެގް ކަމަށާއި، ފްލެޓުގެ ވެރިފަރާތުން އެދިއްޖެނަމަ އިތުރު ދެ ޓެގް ދޫކުރެވޭނެއެވެ. ނަމަވެސް މިގޮތަށް އިތުރު ޓެގް ހޯދުމަށް ބޭނުނވާނަމަ އެފަރާތްތަކުން އެޗްޑީސީއަށް ފީއެއް ދައްކަންޖެހޭނެއެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، ޓެގް އޮންނަންޖެހޭނީ ހަމައެކަނި ފްލެޓުގެ ވެރިފަރާތް ނުވަތަ އެތަަނުގައި ދިރިއުޅޭ ފަރާތްތަކުގެ އަތުގައެވެ. އިމާރާތުގައި ދިރިނޫޅޭ މީހުން ޓެގް ގެންގުޅުމަކީ މަނާކަމެކެވެ. ޓެގް ގެއްލިގެން ނުވަތަ ބްލޮކްވެގެން އައު ޓެގެއް ހޯދަން ބޭނުންވާނަމަ، 150 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ.
މީގެ އިތުރުން، އެޗްޑީސީގެ ހުއްދަ ނެތި ޓެގު ނަކަލު ކުރުމަކީ މަނާކަމެއް ކަމަށާއި، މިފަދަ ޢަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެނަމަ، ފްލެޓުގެ ވެރިފަރާތް 5،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
އެޗްޑީސީން ވިނަރެސް ފްލެޓް ލިބިފައިވާ ފަރާތްތަކާއި، އިމާރާތުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އިމާރާތް ބޭނުންކުރާ އެންމެހައި ފަރާތްތަކަށް މި އުސޫލަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. މި އުސޫލު ތަންފީޒުކުރުމުގެ މަޤްޞަދަކީ ވިނަރެސް އިމާރާތްތަކުގެ ސަލާމަތާާމަތާއި ރައްކާތެރިކަން އިތުރުކޮށް، ރަނގަޅު ނިޒާމެއްގެ ދަށުން އިމާރާތްތައް ބެލެހެއްޓުން ކަމަށް އެޗްޑީސީން ބުންޏެވެ.









