ދިވެހި ސަރުކާރުން ކުޅިވަރުގެ ތަރައްގީ ކުރިއެރުވުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުން ރާއްޖެ އާއި ސައުދީ އަރަބިއްޔާއިން ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ކުޅިވަރު ތަރައްގީ ކޮށް ދުނިޔެއަށް ހުޅުވާލުމަށް ފަހަކަށް އައިސް ގިނަ މަސައްކަތްތައް ކުރަމުންދާ ސައުދީ އަރަބިއްޔާ އާއި ރާއްޖެއާއި ދެމެދު މިއެއްބަސްވުމުގައި ސޮއިކުރީ އެގައުމުގެ ވެރިރަށް ރިޔާޟްގައި އިއްޔެ އެވެ. 2034ވަނަ އަހަރު ފީފާ ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސް ސައޫދީ އަރަބިއްޔާގައެވެ.

ސައޫދީ އަރަބިއްޔާއާއި ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމާއިގުޅޭ ފަހުމުނާމާގައި ސޮއި ކުރުމުގެ ތެރެއިން. /ފޮޓޯ: ކުޅިވަރާބެހޭ ވުޒާރާ
ރާއްޖެ ތަމްސީލު ކުރައްވާ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެމްއޯޔޫގައި ސޮއިކުރެއްވިއިރު، ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ ސައުދީގެ ސްޕޯޓްސް މިނިސްޓަރު އަބްދުލްއަޒީޒް ބިން ތުރުކީ އަލް ފައިސަލް އެވެ. މި އެއްބާރުލުމަކީ ދެ ގައުމުގެ ކުޅިވަރު ދާއިރާއަށް ވެސް މުހިންމު ވަގުތެއްގައި ވި އެއްބަސްވުމެކެވެ.
ސޮއިކުރި އެމްއޯޔޫގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ހާއްސަ ކުޅިވަރު މުއައްސަސާތައް މެދުވެރިކޮށް ކޯޗުންނަށް ޖޮއިންޓް ޓްރެއިނިންގެ އިތުރުން ދެ ގައުމުގެ ކުޅިވަރު ޓީމުތަކަށް ޒިޔާރަތްކޮށް އެއްބާރުލުން ދިނުމުގެ ފުރުސަތުތައް ހިމެނެ އެވެ. އަދި އެކި ކުޅިވަރު ކްލަބުތަކުގެ މެދުގައި ސީދާ މުއާމަލާތްތައް ކުރިއެރުވުމާއި، ދެ ގައުމުގެ ކުޅިވަރުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށްދިނުމެވެ. މީގެ އިތުރުން ސްޕޯޓްސް މެޑިސިންއާއި، މުބާރާތްތަކާއި އިވެންޓްތައް އިންތިޒާމްކުރުން ފަދަ މުހިންމު ދާއިރާތަކާއި ކުޅިވަރު އިންވެސްޓްމަންޓްގައި ދިގުމުއްދަތަކަށް އެއްބާރުލުންދީ، ދެމެހެއްޓެނިވި ކުރިއެރުމާއި ތަރައްގީއަށް މަގުތައް ފަހިކޮށްދިނުމަށް މި އެއްބަސްވުމުގައި ވަނީ ކަނޑައަޅާފައެވެ.

ސައޫދީ އަރަބިއްޔާއާއި ދިވެހިރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމާއިގުޅޭ ފަހުމުނާމާގައި ސޮއި ކުރުމުގެ ތެރެއިން. /ފޮޓޯ: ކުޅިވަރާބެހޭ ވުޒާރާ
މި އެމްއޯޔޫއަކީ ރާއްޖެއާއި ސައުދީ އަރަބިއްޔާއިންވެސް ކުޅިވަރުގެ ފެންވަރު މަތިކޮށް، އެތުލީޓުންނާއި ކޯޗުންނަށް ކުރިއެރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާކަމުގެ ހެއްކެކެވެ. ދެ ގައުމުގެ ވެސް އަމާޒަކީ ކުޅިވަރު ފެސިލިޓީތަކުގައި އެއްބާރުލުން ދިނުމާއި، ލިޔެކިޔުންތައް ބަދަލުކުރުމާއި، އެތުލެޓިކްސްގައި ދުނިޔޭގެ ފެންވަރުގައި ކުރިއެރުން ހޯދުމަށް ތަޖުރިބާތައް ހިއްސާކުރުމެވެ.
ރާއްޖޭގެ ގައުމީ ޓީމުތަކުން މީގެ ކުރިން ސައުދީ އަރަބިއްޔާގައި ކާމިޔާބު ޓްރެއިނިން ކޭމްޕްތައް ނިންމާފައިވާތީ، މި އެއްބަސްވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި އާ ފުރުސަތުތަކެއް ހުޅުވާލާ އެއްބަސްވުމެކެވެ. މި ޕާޓްނަޝިޕަކީ ދެ ގައުމުގެ އެތުލީޓުންނަށް ވެސް އިތުރު ފުރުސަތުތައް ލިބޭނެ ކަމެކެވެ.
ފާހަގަކޮށްލަން ޖެހޭ މުހިއްމު ކަމަކީ، ނިމިގެންދިޔަ ޕެރިސް އޮލިމްޕިކަށް ދިވެހި އެތުލީޓުން ދިޔައިރު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ކުރިޔަށް އޮތްތަނުގައި ދިވެހި އެތުލީޓުންނަށް ގިން ފުރުސަތުތައް ހޯދައިދިނުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއީ އެކަމުގެ ހެއްކެކެވެ.



