އިސްލާމީ މަރުކަޒު ކައިރީގައި އިސްލާމިކް މިނިސްޓްރީން އަލަށް މަސްފެންގަނޑެއް ހަދަން ނޫޅޭ ކަމަށް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒު ކައިރީގައި މަސްފެންގަނޑެއް ހަދާކަމަށް ބުނެ އޮންލައިން ނޫހަކުން ލިޔުނު ޚަބަރެއް މީޑިއާތަކާ ޙިއްސާކުރައްވާ މިނިސްޓަރ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން މިވަގުތު މިބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ އެ ޢިއުލާނު ބާޠިލްކުރަން އަންގަވާފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެ ފެންގަނޑަކީ އިސްލާމީ މަރުކަޒު އެޅީއްސުރެ މުންނާރު ތިރީގައި އޮންނަ ފެންގަނޑެއް ކަމަށާއި އެތަން ހަލާކުވެފައި ހުރުމުން މަރާމާތުކުރުމުގެ މަސައްކަތެއް ފަށަން އުޅުނީ ކަމަށެވެ. ނަމަވެސް އެއްވެސް ޙާލެއްގައި އެ މިނިސްޓްރީން އަލަށް މަސްފެންގަނޑެއް ހަދަން އުޅުނީ ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓްރީން އަލުން މަސްފެންގަނޑު މަރާމާތު ކުރަން މަސައްކަަތް ކުރަނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރާތީ މިސްކިތް މަރާމާތުކޮށް ޒަމާންވީ ސިފަތައް ދެމެހެއްޓުމުގެ ގޮތުންނެވެ.









