އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރާއްޖޭގެ ދީނީ ދަޢުވަތުގައި އެންމެ ހަރަކާތްތެރި އެއް ޖަމްޢިއްޔާކަމަށްވާ ޖަމްޢިއްޔަތުއް ސަލަފާއި ބައްދަލު ކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވުޒާރާގެ އިސްވެރިން ބައިވެރިވެލައްވާފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވީ ޖެނެރަލް ސެކްރެޓަރީ އަޙްމަދު ޝަރީފްއާއި އިތުރު މުވައްޒަފެއް ކަމަށެވެ.
މި ބައްދަލުވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެދިލެއްވުމަށް ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށް އެ ވުޒާރާއިން ބުންޏެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ދީނީ ހަރަކާތްތައް ހިންގުމުގައި ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ މިއީ އާއްމުކޮށް ޖަމްޢިއްޔާތަކާއި ބައްދަލުކުރާ އުސޫލުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.









