އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގައި އާއިލާތަކާއި ދެކޮޅަށް އަށް ގަތުލުއާންމު ހިންގާފައިވާއިރު، ފަލަސްތީނުގެ 90 މީހަކު ޝަހީދުވެ 169 މީހަކު ޒަހަމްވެފައިވާ ކަމަށް މެޑިކަލް މަސްދަރުތަކުން ބުނެފި އެވެ.
އިސްރާއީލުން ގަދަބާރުން ޣައްޒާއަށް އަރައިގަނެ ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާއަށް އަހަރެއް ފުރެން ކައިރިވެފައި ވާއިރު މެޑިކަލް މަސްދަރުތަކުން ބުނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިނގަމުންދާ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުން ޝަހީދުވި ކަމުގެ ރިޕޯޓު ލިބިފައިވާ އަދަދު 41،788 އަށް އިތުރުވެފައިވާ ކަމަށާއި އިތުރު 96،794 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
މީގެ އިތުރުން އިސްރާއީލުން ގެދޮރު އަޅައި މުސްލިމުންގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ފޯސްތަކުން އެމްބިއުލާންސް އާއި ސިވިލް ޑިފެންސް ކްރޫތަކުގެ ހަރަކާތްތަކަށް ހުރަސް އަޅަމުންދާއިރު، ބާރުގަދަ ބޮން އަޅައި ސުންނާފަތިކޮށްފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ނުވަތަ ޝަހީދުވެފައިވާ އެތައް ބަޔަކު އެބަތިބި ކަމަށާއި، އަދިވެސް ކުއްލި ހާލަތުގެ ހިދުމަތްތައްދޭ ރެސްކިއު ޓީމުތަކަށް އެމީހުނާއި ހަމަޔަށް ނުދެވޭ ކަމަށް ބުނެއެވެ.








