މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން އިޢުލާންކުރި ތުރުކީ ސްކޮލަރޝިޕްތަކަށް ހޮވުނު ދަރިވަރުންގެ ތެރެއިން، ކިޔަވަން ހަމަޖެހިފައިވާ 11 ދަރިވަރުންނަށް ޚާއްޞަ ހަފްލާއެއް މިއަދު މިނިސްޓްރީގައި ބާއްވައިފިއެވެ.
މި ހަފްލާގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ ބައިލެޓަރަލް އެމްބެސެޑަރ ޑރ. ޙާލާ ޙަމީދު ދަރިވަރުންނަށް މުޚާތަބުކޮށް ވާހަކަފުޅު ދެއްކެވިއެވެ. މީގެ އިތުރުން މިނިސްޓްރީގެ އިސް ބައެއް ވެރިންނާއި މުވައްޒަފުންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސް ބައެއް ވެރިންނާއި، ތުރުކީ ވިލާތުގައި ހުންނަވާ ދިވެހި ސަފީރާއި ސަފާރާގެ ބައެއް ވެރިން މި ހަފްލާގައި ބައިވެރިވެ ވަޑައިގަތެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ޖުމްލަ 14 ދަރިވަރުން ހޮވިފައިވާއިރު، މިހާރު ކިޔަވަން ދިއުމަށް ތައްޔާރުވަމުންދަނީ 11 ދަރިވަރުންނެވެ. މި ދަރިވަރުންނަށް ތުރުކީގައި ކިޔެވުމުގެ ފުރުޞަތު ލިބިފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ދަރިވަރުން ކިޔަވަން ފަށާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ދަރިވަރުން ކިޔަވާނީ ތުރުކީގެ އެކި ޔުނިވަރސިޓީތަކުގައި، އެކި ދާއިރާތަކުންނެވެ. މީގެ ތެރޭގައި އިންޖިނިއަރިންގ، މެޑިސިން، އަދި ސައިންސްގެ ދާއިރާތައް ހިމެނެއެވެ.









