ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް 12 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ. މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ "އިންޓަގްރޭޓެޑް ހަބް" ގެ ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުން ކަމަށް އެޗްޑީސީން މައުލޫމާތު ދިނެވެ.
އެގޮތުން ވިއްކަން ހަމަޖެހިފައިވާ ބިންތަކުގެ ބޮޑުމިނަކީ 3,689 އަކަފޫޓާއި 3,746 އަކަފޫޓާ ދެމެދެވެ. މި ބިންތައް ގަތުމުގެ ފުރުސަތު ދީފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮތްކަމަށް އެޗްޑީސީން ބުނެއެވެ.
ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮތްނަމަވެސް، އެ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 7,500 ރުފިޔާ ކަމަށާއި، ބިން ގަތުމަށް އެދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ދީފައިވާ ކަމަށް ވެސް އެ ކުންފުނިން ހާމަކުރިއެވެ.
ބިން ވިއްކުމުގެ މަސައްކަތް ކުރިއަށްދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަންޖެހޭނެއެވެ. އަދި އެއް ބިމަކަށް އެކަކަށްވުރެ ގިނަ ފަރާތްތަކުން އީއޯއައި ހުށަހަޅާފައިވާނަމަ، ދެވަނަ މަރުހަލާގައި ބިޑް ކުރަންޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.









