ހުޅުމާލޭގައި 15 ޕާކިންގ އިމާރާތް އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 3،900 ޕާކިންގ ޔުނިޓް ޤާއިމުކުރެވޭނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު ސިފަތަކުގެ ތެރޭގައި ޕާކިންގ ޔުނިޓްތައް ގަތުމާއެކު ރަޖިސްޓްރީކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، ޕާކިންގ ޖާގައިގެ 10% ވަގުތީ ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަކުރުން ހިމެނެއެވެ. މީގެ އިތުރުން، އޮޓޮމޭޓެޑް ހިންގުމާއެކު އިޔާދަކުރަނިވި ހަކަތައިން ހިންގޭ ނިޒާމުތަކާއި، އިލެކްޓްރިކް ވެހިކަލްތަކަށް ޗާޖުކުރުމުގެ ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ.
އެޗްޑީސީން އިތުރަށް ހާމަކުރެއްވި ގޮތުގައި މި އިމާރާތްތަކުގައި މަރުކަޒީ މޮނިޓަރިންގ އަދި ސަލާމަތީ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި އިމާރާތްކުރުމުގެ ފުރަތަމަ ފިޔަވަހި މި އަހަރުގެ ނިޔަލަށް ފެށި، 12 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފާ ވާކަމަށެވެ.
މީގެ އިތުރުން، މި އިމާރާތްތަކުގެ ފުރާޅުމަތީގައި ވިޔަފާރި ސަރަޙައްދުތަކާއި، ކެފޭތަކާއި، ކުޅިވަރު އެރީނާތަކާއި، އިޖްތިމާޢީ ހަރަކާތްތަކަށް ޖާގަ ކަނޑައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ބުނާ ގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގެ ޓްރެފިކް ތޮއްޖެހުން ލުއިކޮށް، މަގުތަކުގެ ޙާލަތު ރަނގަޅުކުރުމެވެ. އަދި މިއީ ބޮޑު މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދެއް ފުއްދުމަށް އެޅޭ ފިޔަވަޅެއް ކަމަށް ވެސް ފާހަގަކޮށްފަވެއެވެ.
މި މަޝްރޫޢު ފެށުމާއެކު، ހުޅުމާލޭގެ ޕާކިންގ މައްސަލައަށް ޙައްލެއް ލިބި، ރައްޔިތުންނަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އެޗްޑީސީން އިން ބުންޏެވެ.









