އިއްޔެ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި 5 ގަތުލުއާންމެއް ހިންގައި 51 މީހުން ޝަހީދުކޮށް 161 މީހުން ޒަޚަމް ކޮށްފިއެވެ.
ޣައްްޒާ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިއްޔެރޭ ފަތިހު ޚާން ޔޫނިސް ގަވަރުނަރޭޓްގެ ސަރަޙައްދުތަކަށް އިސްރާއީލު ސިފައިން ވަދެގަތުމާއެކު، އެ ސަރަޙައްދުތަކުގައި ހިންގި ޤަތުލުއާންމުގައި 51 މީހުން ޝަހީދުވެ، 82 މީހުން ޒަޚަމްވިއެވެ.
އިސްރާއީލުގެ މި ހަމަލާތައް ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް މިވީ 362 ދުވަސްތެރޭ 41،689 މީހުން ޝަހީދުވެފައިވާއިރު، 96،625 މީހުން ޒަޚަމްވެފައިވާކަމަށް ސިއްޙަތު ވުޒާރާއިން ބުނެއެވެ. އެ ވުޒާރާގެ ރެކޯޑުތަކުން ކަށަވަރުވާ ގޮތުގައި 16673 ކުޑަކުދިން ޝަހީދުކޮށްލާފައި ވާއިރު އަންހެނުންގެ ތެރެއިން ޝަހީދު ކޮށްލާފައިވާ އަދަދު 11270 އަށް އަރައެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ އެތައް އެތައް ހާސް ހަށިގަނޑުތައް އެބަތިބި ކަމަށާއި އެމްބިއުލާންސްތަކަށާއި ސިވިލް ޑިފެންސް އުޅަނދުތަކަށް އެ ސަރަޙައްދުތަކަށް ވަދެވެން ނެތްކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.









