މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސިވިލް މުވައްޒަފުންނަށް ހައުސިންގ އެލަވަންސް ނުލިބޭތީ، އެކަމަށް ހައްލެއް ހޯދުމަށް އެދި ރައީސް އޮފީހަށާއި އެހެނިހެން ކަމާބެހޭ މުއައްސަސާތަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މިއަދު ހުށަހެޅުނު މި ޕެޓިޝަން ވަނީ ރައީސް އޮފީހުގެ އިތުރުން މާލީ ވުޒާރާ، ރައްޔިތުންގެ މަޖިލިސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާފައެވެ. މި ޕެޓިޝަންގައި ވަނީ ކަރެކްޝަންސްގެ 44 ސިވިލް މުވައްޒަފުން ސޮއިކޮށްފައެވެ.
ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ސިވިލް މުވައްޒަފުންނަށް ލިބެންޖެހޭ ހައުސިންގ އެލަވަންސް މިހާރު ލިބެމުން ނުދެއެވެ. މި އެލަވަންސަކީ ސިވިލް މުވައްޒަފުން އިސްތިސްނާކޮށް، ހަމައެކަނި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ދެވޭ އެލަވަންސެއް ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.
"މިއީ ޤާނޫނުއަސާސީން އަޅުގަނޑުމެން މަދަނީ މުވައްޒަފުންނަށް ލިބިގެންވާ ތަފާތު ނުކުރުމާއި ހަމަހަމަކަމުގެ ޙައްޤަށް އުނިކަން އަންނަ ކަމެކެވެ،" ޕެޓިޝަންގައި ބަޔާންކޮށްފަވެއެވެ.
މީގެ ކުރިން މި މައްސަލަ ހައްލުކުރުމަށް އެކި ފަހަރު މަތިން ކަރެކްޝަނަލް ސަރވިސްއަށާއި ރައީސް އޮފީހަށް ސިޓީ ހުށަހަޅާފައިވާކަމަށާއި، ކަމާއި ގުޅުންހުރި އިދާރާތަކާއި ބައްދަލުކުރަން އެދުނު ނަމަވެސް، އެފަދަ ބައްދަލުވުމެއް މިހާތަނަށް ހަމަޖެހިފައިނުވާ ކަމަށްވެސް ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.
ޕެޓިޝަންގައި ވަނީ މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ. މި މައްސަލައާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.






