ސިޔާސީ ޕާޓީއަކުން ވަކިވުމަށް ދެން ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އިއުލާނު ކޮށްފިއެވެ. މި ބަދަލު އަންނަނީ ސެޕްޓެމްބަރު 23 ވަނަ ދުވަހު ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނެވުނު އިސްލާހާ ގުޅިގެންނެވެ.
އީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާދަމާއިން ފެށިގެން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށް އެދި ހުށަހަޅަން ޖެހޭނީ އެ ކޮމިޝަނުގެ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ. މި ބަދަލުގެ ސަބަބުން، ޕާޓީތަކުން ވަކިވާން ބޭނުންވާ މީހުންނަށް ފަސޭހައިން އެކަން ކުރެވޭނެ ކަމަށް އީސީން ބުނެފައިވެއެވެ.
ގަވާއިދަށް ގެނެވުނު އިސްލާހުގައި ބުނެފައިވާ ގޮތުން، ޕާޓީގެ މެންބަރަކު ޕާޓީން ވަކިވުމަށް އެދިއްޖެ ނަމަ 14 ދުވަސް ތެރޭގައި ޕާޓީން އެ މީހަކު ވަކިކޮށްދޭންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޕާޓީން ވަކިކޮށް ނުދީފި ނަމަ، އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން، އެ މީހެއްގެ ނަން ޕާޓީގެ ދަފުތަރުން އުނިކޮށްދޭންވާނެއެވެ.
މީގެ އިތުރުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކު އުޅުން މަނާ މަގާމަކަށް ކުރިމަތިލުމަށް ނުވަތަ އެ މީހަކަށް ނޭނގި ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ ހާލަތުގައި، ޕާޓީން ވަގުތުން ވަކިވާން އެދި އީސީން ކަނޑައަޅާ ނިޒާމުގެ ތެރެއިން ހުށަހެޅުމުން އެ މީހަކު ވަގުތުން ޕާޓީން އުނިކޮށްދޭންވާނެ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މި އައު ނިޒާމުގެ ސަބަބުން ސިޔާސީ ޕާޓީތަކުން ވަކިވުމުގެ މަސައްކަތް އަވަސްވެ، ފަސޭހަވެގެންދާނެ ކަމަށް އީސީން އުންމީދު ކުރެއެވެ. އަދި މި ބަދަލަކީ ރައްޔިތުންގެ ސިޔާސީ ހައްގުތައް އިތުރަށް ހިމާޔަތްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އީސީން ފާހަގަކޮށްފައިވެއެވެ.









