ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކު ފަންޑުން މިއަހަރު އެހީދޭނެ 5 ޖަމުޢިއްޔާ ކަނޑައަޅައިފިއެވެ. މި ފަންޑަކީ ޖަމުޢިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގެ މަޤްޞަދުގައި ތަޢާރަފްކޮށްފައިވާ ފަންޑެކެވެ.
ބޭންކު ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށަށް ނިސްބަތްވާ އަދި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށެވެ. ފަންޑު ހޯދުމަށް ހުޅުވާލާފައިވަނީ ތިމާވެއްޓާއި ގުޅުންހުރި ޕްރޮޖެކްޓްތަކާއި، ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހިންގާ ޕްރޮޖެކްޓްތަކަށެވެ. ކޮންމެ އަހަރަކު ފަސް މަޝްރޫޢަކަށް 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު ބޭންކު ފަންޑުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ 5 ޖަމުޢިއްޔާއަކީ:
1. މުރަކަ ފާމް: ބ. ދަރަވަނދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫޢު
2. ޗިލްޑްރަން އޮފް މޯލްޑިވްސް: ވިލިމާލޭގައި ތިމާވެށްޓާ ގުޅޭ ލައިބްރަރީއެއް ޤާއިމްކުރުން
3. ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ މަޝްރޫޢު
4. ވޭމަންޑޫ ޒުވާނުންގެ ގުޅުން: ތ. ވޭމަންޑޫ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޓްރެއިނިންގ ރޫމެއް ޤާއިމްކުރުން
5. ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫ ސްކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތައް ތަރައްގީކުރުން
މި ފަންޑުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިމާވެށި ރައްކާތެރިކުރުމާއި، ތަޢުލީމު ކުރިއެރުވުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމާއި، ކުޅިވަރާއި ޒުވާނުންގެ ތަރައްޤީއަށް އަމާޒުކޮށްގެން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭނެއެވެ. މިއީ ބޭންކު އޮފް މޯލްޑިވްސްގެ އިޖްތިމާޢީ ޒިންމާގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ބޭންކު ފަންޑުގެ ސަބަބުން މަދަނީ ޖަމުޢިއްޔާތަކަށް އެމީހުންގެ އަމިއްލަ މަޝްރޫޢުތައް ހިންގުމަށް މާލީ އެހީތެރިކަން ލިބި، އެ ޖަމުޢިއްޔާތަކުގެ ޤާބިލުކަން އިތުރުވެގެންދާނެކަމަށާއި މީގެ އިތުރުން، މި މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދަށާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ކަމަށް ބީއެމްއިން ބުނެއެވެ.
ބީއެމްއެލްއިން މީގެކުރިން ވަނީ ކޮމިއުނިޓީ ފަންޑުގެ ނަމުގައިވެސް ހާއްސަ ފަންޑެއްގެ މަސައްކަތް ކުރިއަށް ގެންގޮސް، 100 މަޝްރޫޢަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.









