
ސީރިއާގެ ވެރިރަށް ދިމިޝްގުގެ މާޒާ ޑިސްޓްރިކްޓަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސީރިއާގެ ޓީވީ ޗެނަލްގެ ނޫސްވެރިޔާ ސަފާ އަހުމަދު މަރުވެއްޖެ އެވެ.
މިހަމަލާގައި ސަފާ އަހުމަދު ހިމެނޭ ގޮތަށް އާންމުންގެ ތިން މީހަކު މަރުވެ ނުވަ މީހަކު ޒަޚަމްވެފައި ވެއެވެ.
ހުޅަނގު ދިމިޝްގުގެ މަޒާ ޑިސްޓްރިކްޓަކީ އީރާނުގެ އެމްބަސީ ހިމެނޭ ގޮތަށް ބައެއް އެމްބަސީތައް ހުންނަ ޑިސްޓްރިކްޓެކެވެ.
ސީރިއާ ސިފައިން ބުނީ "އިސްރާއީލުން ވަނީ އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ސީރިއާގެ ގޯލާނާ ދިމާލުން އަސްކަރީ މަތިންދާބޯޓާއި ޑްރޯންތަކުން ވައިގެ ހަމަލާތައް ދީފައި" ކަމަށެވެ.
ސީރިއާގެ ވައިގެ ދިފާޢީ ބާރުތަކުން ބުނެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު އިސްރާއީލުން ގިނަ މިސައިލްތަކެއް ފޮނުވި ކަމަށެވެ.

ނޫސްވެރިޔާ ސަފާ އަހުމަދު ދައުލަތުގެ ބްރޯޑްކާސްޓާއާ ގުޅުނީ 2002 ވަނަ އަހަރު ކަމަށާއި އޭނާ ވަނީ ސަގާފީ ޓޯކް ޝޯތަކާއި ޕްރޮގްރާމްތަކެއް ހޯސްޓްކޮށްފައި ކަމަށް ސީރިއާގެ ދައުލަތުގެ ޓީވީން ބުންޏެވެ.









