ފޮރިން މިނިސްޓަރުގެ މަޤާމާއި އަލަށް ހަވާލުވެވަޑައިގެން ޑރ. އަބްދުﷲ ޚަލީލް އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ބައްދަލުކުރައްވައިފިއެވެ.
ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރާ ބައްދަލުވެވަޑައިގަތުމުން ވަރަށް އުފާކުރާ ކަމަށެވެ.
ޚަލީލް ވިދާޅުވީ މިއީ ފޮރިން މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަފީރަކާއި ބައްދަލުކުރެވުނު ފުރަތަމަ ފަހަރު ކަމަށާއި، މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުމާއި ގުޅޭ ގޮތުން ވާހަކަތައް ދެކެވުނު ކަމަށެވެ. އަދި މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރެެއްވި ކަމަށް ޚަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ޚަލީލް ވިދާޅުވީ އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރެއްވި ކަމަށެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ ސަފީރު ވިދާޅުވީ މި ބައްދަލުވުމުގައި ވަރަށް ގިނަ މަޝްވަރާތައް ކުރެއްވުނު ކަމަށާއި، އައު މިނިސްޓަރ ޚަލީލާއި އެބޭފުޅާގެ ޓީމާއެކު ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ބަދަލުތަކެއް ގެންނަވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެގޮތުން ފޮރިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރައްވައި، ހެލްތު މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. އަބްދުﷲ ޙަލީލް ފޮރިން މިނިސްޓަރަކަށް ވަނީ އައްޔަން ކުރައްވާފައެވެ.









