'އީރާނުން ދިން ހަމަލާއަކީ ނާކާމިޔާބު ހަމަލާ' އެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ، މިކަމުގައި އޮޅުން ބޮޅުން ބޮޑުވެގެން ނުވާނެ ކަމަށާއި އެމެރިކާއިން އިސްރާއީލަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި މިހަމަލާގެ ނަތީޖާ އީރާނަށް ފެންނާނެ ކަމަށާއި، ޒިންމާ އުފުލަން އީރާނުން ތައްޔާރަށް އޮންނަން ޖެހޭނެ ކަމަށް ބައިޑަން އިންޒާރު ދެއްވިއެވެ.
އިސްރާއީލަށް ދިން ހަމަލާ ދިފާއު ކުރައްވައި އީރާނުގެ ރައީސް މަސޫދު ޕަޒްޝިކާން ވިދާޅުވީ "ޒަޔަނިސްޓް ވެރިކަމުގެ އުދުވާނީ އަމަލުތަކާ ދެކޮޅަށް ތެހެރާނުން ވަނީ ޝަރުއީ ހައްގުތައް ބޭނުންކޮށްގެން ނިންމާ ޖަވާބެއް ދީފަ" ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ބުނެފައިވަނީ އީރާނުން އިސްރާއީލަށް ދޭން ޖެހިދާނެ ބެލިސްޓިކް މިސައިލް ހަމަލާއަކީ އޭޕްރީލް މަހު ދިން ހަމަލާތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑު ހަމަލާއަކަށް ވެދާނެ ކަމަށެވެ.
އެމެރިކާގެ އޮފިޝަލަކު އިނގިރޭސި ނޫސް އެޖެންސީއަށް ވިދާޅުވީ އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފިނަމަ އެއީ އޭޕްރީލް މަހުގެ ހަމަލާތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑު ހަމަލާއަކަށް ވެދާނެ ކަމަށެވެ.
އިސްރާއީލުގެ އަސްކަރީ ތަރުޖަމާނު ވެސް ވަނީ އީރާނުން މިސައިލް ފޮނުވައިފިނަމަ ބޮޑެތި ނަތީޖާތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ރޭގެ ހަމަލާތަކުން އިސްރާއީލް ދިފާއު ކުރުމަށް އެމެރިކާގެ ހަނގުރާމަމަތީ ބޮޑު ދެ މަނަވަރު އޮތެވެ. އެ ދެ ބޯޓުން ދިޔައީ މިސައިލް ތައް ގޮއްވާލުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އީރާނުން އަޑަށްވުރެ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލް ވެސް ފޮނުވާފައިވާތީ އެމެރިކާގެ ކޯލިޝަނަށް ވެސް ހުރިހާ ހަމަލާތަކުން އިސްރާއީލް ދިފާޢުއެއް ނުކުރެވުނެވެ.









